ޓުއަރިޒަމް

ވޯލްޑް ޓްރެވަލް ފެއަރ - ރާއްޖޭގެ 66 ކުންފުނި 168 މަންދޫބުން


"ވާރލްޑް ޓްރެވަލް މާކެޓް" ނުވަތަ ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ފެއަރ. އަދި މިއީ އައި.ޓީ.ބީ ފެއަރއަށްފަހު ރާއްޖޭގެ ފަރާތުން ދެވަނައަށް ބައިވެރިވާ އެންމެ ބޮޑު ފެއަރވެސްމެއެވެ. މިފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 9 އަކަށް އިނގިރޭސިވިލާތުގެ ލަންޑަނުގެ "އެކްސެލް ލަންޑަން" ކޮންވެންޝަން ސެންޓަރުގައެވެ. މިއީ މިފެއަރ ބާއްވާ 37 ވަނަ އަހަރެވެ. މިފަހަރުގެ ފެއަރ އިންތިޒާމްކޮށްފައި ވަނީ އިވެންޓް އޯގަނައިޒްކުރުމުގައި ދުނިޔޭގެ ލީޑިން ކުންފުންޏެއްކަމަށްވާ "ރީޑް އެގްޒިހިބިޝަން" ގެ ފަރާތުންނެވެ. އަދި މިއަހަރުގެ ފެއަރގެ އޮފިޝަލް ޕްރިމިއަރ ޕާޓްނަރަކީ އިންޑިޔާއެވެ.

ޑަބްލިޔި.ޓީ.އެމް ފެއަރގައި ރާއްޖޭގެ ފަރާތުން 66 ކުންފުންނަކުން 168 މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި، ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14784465781267.jpg|މިދިޔަ އަހަރު ބޭއްވި ވޯލްޑް ޓްރެވަލް މާކެޓް ފެއަރގެ ތެރެއިން

ޑަބްލިޔު.ޓީ.އެމް ފެއަރއަށް ރާއްޖޭގެ ފަރާތުން ވަމުންދާ އެންމެފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އެމް.ޕީއާރ.ސީގެ ޑެޕިއުޓީ ޑައިރެކްޓަރ ފާތުމަތު ރާހިލް ވިދާޅުވީ، މިފެއަރއަކީ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފެއަރއެއްކަމުން، ރާއްޖޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ބޭރު ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިކުރާ ސްޓޭންޑް ތައްޔާރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް ރާހިލް ވިދާޅުވިއެވެ.

މިފަހަރުގެ ފެއަރގައި ރާއްޖޭގެ ސްޑޭންޑުން ފެނިގެންދާނެ އެންމެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، އޮފިޝަލް މޯލްޑިވްސް އެކޮމަޑޭޝަން ގައިޑް ލޯންޗްކުރުމާއި، އައްޑޫ ސިޓީގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ އިތުރުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ގުޅޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. 

ޑަބްލިޔު.ޓީ.އެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި އޭޖެންޓުން އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް ހުޅުވާލެވިގެންދާ އަގުހުރި ފުރުޞަތެއްކަމުން، މި ފެއަރއިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔޭގެ މާކެޓްތަކުގައި އިޝްތިރާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމް.އެމް.ޕީ.އާރ.ސީއިން ވިދާޅުވެއެވެ.