ޚަބަރު

މާލޭގައި ޤާއިމުކުރާ 20،000 ލީޓަރުގެ ތާނގި، ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށަނީ


  • މިހާރުވަނީ ތާނގީއަށް އޯޑަރުކޮށްފައި

  • އަންނަ ސެޕްޓެމްބަރަށް އައު ތާނގީއަށް ފެން ޓްރާންސްފަރކޮށް ނިމޭނެ

  • މިއީ މާލޭގެ ފެނުގެ ރައްކާތެރިކަމަށް ލިބޭ ވަރަށްބޮޑު ޔަޤީންކަމެއް

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި ޤާއިމުކުރާ ފެން ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެެޕްޓެމްބަރަށް ނިންމާ، ބޭނުންކުރަން ފެށޭނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ އިންފްރާސްޓަރަކްޗަރއަކީ މީގެ 30ހަކަށް އަހަރު ކުރީގެ އިންފްރާސްޓްރަކްޗަރއެއްކަމަށެވެ.

ފަހުމީ ވިދާޅުވީ، ތާނގީތަކުގެ ގޮތުގައިވެސް ހުރީ ކޮންކްރީޓް ތާނގީތަކެއްކަމަށާއި، މީގެ ސަބަބުން ތާނގީތަކުން ފެން ލީކްވުންފަދަ ކަންކަމުގައި މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ފަސޭހަކަމެއްނޫންކަމަށެވެ. މި މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގައި މިހާތަަނަށް ޤާއިމުކުރާ އެންމެ ބޮޑު އަދި އެންމެ އުސް ތާނގީތައް ބެހެއްޓުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ފަހުމީ ވިދާޅުވިއެވެ.

މިއީ 20،000 ލީޓަރުގެ ތާނގީއެއް ކަމަށާއި، ތާނގީއަށް އޯޑަރުކުރެވި، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ސެޕްޓެމްބަރަށް މިހާރު ބޭނުންކުރާ ތާނގީ ޑީކޮމިޝަންކޮށް، އައު ތާނގީއަށް ފެން ޓްރާންސްފަރކޮށް ނިމޭނެކަމަށްކަމަށް ފަހުމީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް މި ގެންނަ ބޮޑު ތާނގި ގާތްގަނޑަކަށް 10 ބުރި އިމާރާތެއްގެ އުސް ތާނގިއެއް، އެ ތާނގިއަށް އޯޑަރު ކުރެވި އޭގެ ފައުންޑޭޝަން އެޅި، މިއަންނަ އަހަރުގެ ސެޕްޓެމްބަރަށް މިހާރު ބޭނުންކުރާ ތާނގި ޑީކޮމިނިޝަންކޮށް އައު ތާނގީއަށް ފެން ޓްރާންސްފަރކޮށް ނިމޭނެ. މިއީ މާލޭގެ ވޯޓަރ ސެކިއުރިޓީއަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއް. ސަބަބަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މި ތާނގި ނިމި، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގައިން ހުޅުމާލެއަށް ފެން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ." އެމްޑީ ހުސައިން ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، މިއީ މާލޭގެ ފެނުގެ ރައްކާތެރިކަމަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއްކަމަށެވެ. ސަބަބަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އައު ތާނގީގެ މަސައްކަތްތައް ނިމި، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގައިން ހުޅުމާލެއަށް ފެން ގެނައުމުގެ މަސައްކަތް ފަށައިގަނެވޭނެތީކަން ފަހުމީ ފާހަގަކުރެއްވިއެވެ.

މިހާރުވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތް ކުރިއަށްދާކަމަށާއި، ފުލް ކެޕޭސިޓީގައި އެ މަސައްކަތް ނުކުރެވެނީ ހުޅުމާލޭގައި އަދި އެވަރަށް ފެން ނުއުފެއްދޭތީކަމަށް ފަހުމީ ވިދާޅުވިއެވެ.

މިހާރު ހުޅުމާލޭގައިވެސް ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފަހުމީ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް ވަނީ އިތުރުވެފައެވެ.