ރާއްޖެއަކީ ކުޑަ އާބާދީއެއް އޮންނަ ޖަޒީރާ ޤައުމެކެވެ. ނަމަވެސް ރާއްޖޭގެ ނިސްބަތުން އިންޖިނޭރުން ހުރިހާ ދިމާއަކުންވެސް ފެނެއެވެ. މިދާއިރާގައި މިހާރު އެތައް އަހަރަކު ޚިދުމަތް ކޮށްފައިވާ ފަރާތްތަކުގެ ތަޖުރިބާގެ ދަތުރު ފެށެނީ ކުޑައިރުން ފެށިގެންނެވެ. އޭރު އުފެދޭ ޝައުޤު ބަދަލުވަނީ ދިރިއުޅުމުގެ މައިގަނޑު މަސައްކަތަށެވެ.
ދިވެހިރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިލެކްޓްރިކަލް އިންޖިނިއަރިން އެންޑް ކޮންޓްރޯލް ޔުނިޓުގެ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ ސަނާއުﷲ ޝަކީބް މިދާއިރާއަށް ފުރަތަމަ ފިޔަވަޅު އެޅީވެސް ކުޑައިރު އުފެދުނު މިފަދަ ޝައުޤެއްގެ ތެރެއިންނެވެ. އޭރުވެސް ކަރަންޓަށް ޝައުޤުވެރިކަން އޭނާގެ ހުއްޓެވެ. އެހާ ބޮޑަށް ވާނުވާއެއް ނޭނގުނަސް ނަރާއި ބެޓަރި އަދި ކުދި ބޮކިތައް ހޮވައިގެން ގުޅުވައި އުޅުނެވެ.
"އޭރު މާބޮޑަށް ނޭގުނަސް ކުދި އެއްޗެހި ނައްޓާ ބޮކި ގުޅާލާ ބެޓަރި ނަގައި. އެކަހަލަ ކަންތައްތައް އަބަދުވެސް ކުރެވޭ. އަޅުގަނޑުމެން ކުޑައިރު ވަރަށް ދައްތަމެން ދިމާވެސް ކުރާނެ އަބަދުވެސް ކޮންމެވެސް ނަރުކޮޅެއް ހިފައިގެން ދިއްލާލާށޭ އުޅެނީ ކިޔާ" ސަނާޢުﷲ އޭނާގެ ދުރު ހަނދާންތަކުގެ ޞަފުޙާތައް އުކާލުމަށް ކިޔައިދިނެވެ.
މިދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ސަނާޢުﷲ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރަން ފެށީ އިލެކްޓްރިޝަނެއްގެ ގޮތުގައެވެ. އޭނާ މަސައްކަތް ކުރަން ފެށިއިރު އެންމެ 6 މެގަވޮޓުގެ އިންޖީނުގެއެއް އެއަރޕޯޓުގައި ހުރިނަމަވެސް މިހާރު އެތަނުގެ ޚިދުމަތްތައް އެތައް ގުނައަކުން ފުޅާވެއްޖެއެވެ. އެތައް ބަދަލުތަކެއް އައިސްފިއެވެ.
އިންޖިނޭރެއްގެ ގޮތުގައި އޭނާ އެންމެ ހަނދާންވަނީ، އެއަރޕޯޓުގެ އިންޖީނުގޭގެ އިންޖީނެއްގައި ރޯވި ހަނދާނެވެ. އެ ހަނދާންތައް އޭނާ އައުކުރީ އުނގެނެން ލިބުނު ފުރުސަތެއް ގޮތުގައެވެ. ރޯވުމަށް ފަހު ތަން އަލުން ބިނާކުރީ އޭރުގެ މަސައްކަތް ކުރި މުވައްޒަފުންނެވެ. ސަނާޢުﷲ ބުނީ އޭރު އޭނާއަށް ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ. އެ މަސައްކަތް ބޭރުގެ އެއްވެސް މީހެއްގެ އެހީއާއި ނުލައި ކުރަން ޖެހުމަކީ އޭނާ ހަނދާން ނުނެތޭނެ ކަމެކެވެ.
ސަނާޢުﷲ ބުނީ މިދާއިރާގައި ކުރިއަށް ދިއުމަށް ކިޔެވުމާއި އެކަމުގެ މައުލޫމާތު އެނގިހުރުން މުހިންމުކަމަށެވެ. ސަނާޢުﷲ ބުނީ މިދާއިރާއިން ކުރިއަށް ދިއުމަށް އެމްއޭސީއެލްއިންވެސް ބާރުއަޅައެވެ.
"ގިނަ ފަހަރަށް މި ބުނަނީ އިންޖިނިއަރިން ދާއިރާގައި މިތިބެނީ ނުކިޔަވާ ސްކޫލު ކުދިންނޭ. އެމީހުންނޭ ބޮޑަށް ދަނީ. އެކަމަކު އޭތި ވަރަށް ބޮޑަށް ތަފާތު. މިހާރު މީގައި ހުންނަ ކަންތައް ނުކިޔަވާ ފަސޭހައެއް ނުވާނެ. އަސްލު މިހާރު ވާގޮތަކީ އަޅުގަނޑުމެން މަސައްކަތް ކުރާ ތަނުގައިވެސް، ބާރުއަޅާ ކަންކަމުގަ ކުރިއަށްދާން. އެކުރާ މަސައްކަތަކާއި ގުޅިގެން މައުލޫމާތު ދޭ. " ސަނާޢުﷲ ކިޔައިދިނެވެ.
ސަނާޢުﷲ އަކީ އެތައް އަހަރެއްގެ ތަޖުރިބާއާއެކު، މިހާރު މިދާއިރާއަށް ޒުވާނުން ނެރުމުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ޒުވާން ޖީލަށް އޭނާ ދޭ ނަސޭހަތަކީ މިދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކުދިން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރުމެވެ.