ޚަބަރު

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފި


  • މިއީ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ރަމްޒުކޮށްދޭ ބިނާއެއް

  • ދިވެހި ފަންނުވެރިކަމާއި އިސްލާމީ ޙަޟާރަތުގެ ފުރިހަމަކަން ދައްކުވައިދޭ

  • މި ބިނާއާއެކު އުތީމުގެ މަލަމައްޗަށް އިތުރު ދިރުމެއް ގެނެސްދޭ

  • ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް

ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާ ބައްލަވާލައްވާފައެވެ.

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނެއެވެ. މި ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާގޮތަށެވެ.

މިއިން ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހިންގެ މިނިވަންކަމަށްޓަކާ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މުޙައްމަދު ތަކުރުފާނާއި، ބޭބެ އަލިތަކުރުފާނާއި، ކޮއްކޮ ޙަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ.

މި ބިނާގެ މަތީބައިގައިވާ 6 ފާނޫޒުން ރޭގަނޑު އަލިކޮށްދޭއިރު، މިއީ މުޅި ޤައުމަށް އުންމީދާއި އަލިކަން އަލުން ލިބިގެންދިޔަކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ބިނާގެ މަތީބައިގައި ދިވެހި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ފެންނަން ހުންނަ ގަލުވަޑާމުގެ ނަކަލެއް ހިމަނާފައިވާއިރު، މިއިން ރަމްޒުކޮށްދެނީ ދިވެހީންގެ އެވޭލާ ތަރިކައާއި ދިވެހީންގެ ސަގާފަތާއި ޙަޟާރަތުގެ ފުރިހަމަކަމެވެ.

ބިނާގެ ހުރަސް ތަނބުތަކުގައި ސޯޅަވަނަ ގަރުނުގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔެލާޖެހި މަސައްކަތް ހިމަނާފައިވެއެވެ. ބިނާގެ މެދުގައިވާ ބޮޑު ދޮރާށްޓަކީ މިނިވަން ޤައުމަކަށް ވަދެވޭ މަގުކަން ރަމްޒުކޮށްދޭ އާޓެކެވެ. ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ޚާއްސަ ދޮރާށީގެ ބައްޓަމުން ނެގިފައިވާ މި ނަކަލުން ރަމްޒުކޮށްދެނީ، ބޮޑުތަކުރުފާނު އިސްލާމްދީނުގެ ޙައްޤުގައި ކުރެއްވި ޖިހާދާއި، ކާމިޔާބީ ލިބިވަޑައިގަތުމުން ދިވެހިން އިސްލާމްދީނަށް އަހުލުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ.

ބިނާއިން ފެނިގެންދާ ޣާޒީ ރަދުންނާ ހަމައިން ރަސްމީ ކުރެއްވުނުކަމަށް ބެލެވޭ ތާނައަކުރުތަކުން ރަމްޒުކޮށްދެނީ ދިވެހިވަންތަކަން އިޔާދަކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތަކެވެ. ދޮރާށީގައި ކަނޑާ ނެގިފައިވަނީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ "ތާރީޚީ ހަނދާން" މި ޅެމެވެ. މި ބިނާގެ މަތީގައި ދިވެހި ދައުލަތުގެ ނިޝާން ވަނީ ހަރުކޮށްފައެވެ. އަދި ބިނާގެ ބިންގާ ފަރުމާކޮށްފައިވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ސިޑިބަރިތަކެއްގެ މައްޗަށެވެ.

މިއީ އުތީމުގެ މަލަމައްޗަށް އިތުރު ދިރުމެއް ގެނުވާނެ ޚާއްސަ ބިނާއެކެވެ. އުތީމުގެ ބަނދަރުމަތީ ސަރަޙައްދުގައި މިވަގުތުވެސް ކަޅުއޮއްފުންމީގެ ނަކަލެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ޤާއިމުކޮށްފައިވާއިރު، އަލަށް މި ހުޅުވުނު ބިނާއާއެކު ރަށުގެ މޫނު މައްޗަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނުވާފައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ ފެށުން ކަމަށެވެ. އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްކަމުގައި ކަނޑައަޅައި، ތާރީޚީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްފުޅާކޮށް، އެތަންތަން ދިރިހުރި ސަގާފީ ތަރިކަތަކަކަށް ހެދުމަކީ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެކެވެ.

މިފަދަ ތަރިކައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ޓުއަރ ގައިޑުންގެ ޚިދުމަތާއި، ދަތުރުފަތުރުގެ އިތުރުން އަތްތެރި މަސައްކަތްތަކަށް އޮންނަ ތަރުހީބު އިތުރުވެ، ރަށުގެ އާންމު ޚިދުމަތްތަކާއި މައިޒާންތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.