މިހާތަނަށް ރާއްޖޭގެ ޑިމޮކްރަސީ ދެކެމުން އައީ އެންމެ ޙަގީގަތެކެވެ. އެއީ ބަދަލު ހިފުމެވެ. ގެންގުޅެމުން އައީ އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާއިރު ކުރިން ވެރިކަން ކުރި ބަޔަކު ޖަލަށްލުމާއި އަނިޔާވެރިވުމުގެ ސިޔާސަތެވެ. ނަމަވެސް މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވެއްޖެއެވެ.
ސިޔާސީ މަޝްރަހުގައި ރައްޔިތުން އަމިއްލަ ޚިޔާލު ފާޅުކުރަންވެސް ދެވަނަ ވިސްނުމަކަށް ދާންޖެހުނު ދުވަސްވެސް ރާއްޖެއަށް ވަނީ ފެނިފައެވެ. ވެރިކަމުގެ އާރާއި ބާރު ލިބުމުން އެއިރެއްގައި ސިޔާސީ ގޮތުން ވާދަވެރިން ކަމަށް ބެލެވޭ ކޮންމެ މީހަކު ޖަލަށްލި ދުވަސްވެސް ވަނީ ފެނިފައެވެ. ވާދަވެރި މީހާއަށް ރިޔާސީ ރޭހުގައި ވާދަނުކުރެވޭ ގޮތަށް އަދަބު ދިން ދުވަސްވެސް ވަނީ ފެނިފައެވެ. ރައްޔިތުން އެދެމުން އައީ މި ސިޔާސީ ހަމަނުޖެހުންތައް ނިމުމަކަށް އައުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މި އެދުން ހަގީގަތަކަށް ހަދައިދެއްވުމުގެ އަޒުމުގައެވެ. ސިޔާސީ ގޮތުން ޤައުމުގައި ހަމަޖެހުން ގާއިމުކޮށް، ބަދަލު ހިފުމުގެ ރޫހު އެއްކޮށް ނައްތަވާލެއްވުމަށެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަމުގެ 2 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ރާއްޖޭގެ ސިޔާސީ މަޝްރަހު ބޮޑުތަނުން ބަދަލުވެއްޖެއެވެ. ސިޔާސީ ވާދަވެރިންނަށް އެކި މަންސަތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ލިބިފައެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ދޭ އެންމެ ފުރިހަމަ މިނުގައި ދެއްވުމަށް ކުރިން އެންގުމަކާ ނުލައި އެއްވުންތައް ބޭއްވޭނެ ސަރަހައްދުތައްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަނީ އިތުރުކުރައްވާފައެވެ. ސިޔާސީ ލީޑަރުން، ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމަށް ހައްޔަރުކުރުމުގެ ސިޔާސަތު ނިންމަވައި ޝަރުޢީ ދާއިރާއަށް ސަރުކާރުތަކުން އަތް ބޭނުންވެސް ރައީސް ޑރ. މުޢިއްޒު ވަނީ ނިމުމަކަށް ގެންނަވާފައެވެ.
"ސިޔާސީ ޙަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް. އެއްވެސް ހުރަހެއް ނެތް. އަޅުގަނޑުމެން މިދަނީ މިސާލެއްގެ ގޮތުގައި ދަންނަވަންޏާ، އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިޚާބުތައް ބާއްވަންވެސް ސްކޫލް ހޯލުތަކާއި، ދައުލަތުގެ މުއައްސަސާތައް ދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވުމަށްވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާގޮތަކަށް ޙަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާއެކީގައި ފުރުޞަތު ދެމުން. ސިޔާސީ އެއްވެސް ލީޑަރަކު މިހާތަނަށް އައިއިރު ހައްޔަރުކޮށްފައެއް ނުވާނެ. ކުރީގައި ރައީސްކަން ކުރައްވާފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށްލާފައެއް ނުވާނެ. މިއީތޯ މީގެކުރިން މި ޤައުމުގައި ކަންކަން އޮތްގޮތަކީ؟" ރައީސް ވިދާޅުވިއެވެ.
މިކަންކަމަށް މިއަދު އިދިކޮޅު ފަރާތްތަކުންވެސް އެއްބަސްވެއެވެ. 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ބޭފުޅުންވެސްވަނީ ރައީސް ޑރ. މުޢިއްޒު އެކަމަށް ހުރަސް ނާޅުއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ބައެއް ރައީސުންނަށް ފުރުސަތު ލިބިއްޖެނަމަ އަދިވެސް އެ ފަރާތްތަކަށް އެ ބިރުވެރިކަން އޮތްކަމަށްވެސް ސިޔާސީ ބައެއް ލީޑަރުން ގަބޫލުކުރައްވައެވެ.
ޤައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ސިޔާސީ ގޮތުން ފިޔަވަޅު ނޭޅުއްވިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤާނޫނު ނަގަހައްޓާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު މިނިވަންކަން ކަށަވަރުކުރެވޭނީ ދީނީ ހަމަތަކުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެއެވެ.
ކޮންމެ މީހަކުވެސް ސިޔާސީ ގޮތުން ޚިޔާލުފާޅުކުރާއިރު އަދި އެއްވުންތައް ބާއްވާއިރު އަނެކާގެ ޙައްގުތަކަށް ރައްކާތެރިވާންޖެހެއެވެ. ތިމާގެ ޙައްގުތައް ކަށަވަރުކުރެވޭނީ އަނެކާގެ ޙައްގުތައްވެސް ކަށަވަރުވެގެންނެވެ. އޭރުން ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ހަމަޖެހުމާއި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހު ނެތިފައި އޮތް އޮތުން ކުރިއަށް އޮތްތަނުގައިވެސް ދެމިގެންދާނެއެވެ.