ޚަބަރު

300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ދަނީ ކުރިއަށް


  • ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ވަނީ ބޮޑުވެފައި

  • ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ

ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް މިހާރުވެސް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވަނީ ޚާރިޖީ ގުޅުންތަކާއެކު ރާއްޖޭގެ އިސްލާމީ ދާއިރާއަށް އެހީ ހޯދުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކިންގް ސަލްމާން ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން ސަޢުދީޢަރަބިއްޔާއިން ފޮނުވަން ވެފައި އޮތް 16.8 މިލިޔަން ރުފިޔާ މީގެ މަހެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަމަށެވެ. އަދި އެ ވުޒާރާގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާކަންކަން ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަގުފު ފަންޑު ވެސް ކުރިއަރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޒަކާތު ފަންޑާއި ވަޤުފު ފަންޑުން މިހާރުވެސް 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރަމުންދާކަމަށެވެ. އަހަރެއް ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވުޒާރާއިން އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުން. މިހާރު ހުރި ގިނަ ދަތިތައް އޭރުން ހައްލުވާނެ. މިހާރު ދާއިމީ ހައްލެއް ހޯދާކަށް އަޅުގަނޑުމެންނަށް މަސައްކަތެއް ކުރެވިފައެއް ނެތް އެންމެ އެދެވޭ މިންވަރަށް. މިސްކިތެއް އަޅާލުން، ދެން މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހޯދިފައެއް ނެތް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ މަރުކަޒު އެޅި އިރު އެތަން ބަލަހައްޓާނެ މާލީ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށެވެ. އެހެން ގައުމުތަކުގައި އެފަދަ އިންތިޒާމުތައް ހަމަޖައްސާކަމަށާއި އެފަދަ އިންތިޒާމުތައް ހަމަނުޖައްސާ ނަމަ އެތަންތަން ހަލާކުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންތައްތައް ނޫންކަމަށެވެ.

ޒަކާތު ފަންޑުން އިންވެސްޓް ކޮށްގެން މިހާރުވެސް އަންނަނީ، މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހުޅުމާލެއާއި މާލޭގައި ވަޤުފު އިމާރާތް ތަރައްޤީކުރަނީ، އެ ފަންޑުން އިންވެސްޓް ކޮށްގެންނެވެ. ހުޅުމާލޭގައި 20،000 އަކަފޫޓުގެ ބިމެއްގައި ދާރުލްސަލާމް ވަޤުފު އިމާރާތް ތަރައްޤީ ކުރާއިރު، މާލޭގައި 2000 އަކަފޫޓުގެ ބިމެއްގައި ދާލުލް އަރުޤަމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދުގައިވާ ގޮތުން ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރީންނަށާއި ބޭނުންތަކަށް ދޫކުރާ މިންވަރު އިތުރު ކުރުމުގެ މަޤުސަދުގައި، ޒަކާތު ފަންޑުގައިވާ ފައިސާ އިންވެސްޓް ކުރެވިދާނެއެވެ. ނަމަވެސް އެކަން ކުރުމަށް އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދަން ޖެހެއެވެ. އަދި ޒަކާތުގެ ފައިސާ އިންވެސްޓްކުރާނީ، މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. އެހެން ފަރާތްތަކާ ގުޅިގެން އިންވެސްޓް ކުރާނަމަ އިންވެސްޓް ކުރަންވާނީ، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ހިންގާ، ހަމައެކަނި ސަރުކާރުގެ ފަންޑުތަކާއި ދައުލަތުގެ މުއައްސަސާތަކާ އެކުގައިކަމަށް ޤަވާއިދުގައިވެއެވެ. މީގެ އިތުރުން ފަންޑުގެ ދަށުން ހަދައިފައިވާ އިންވެސްޓްމަންޓުތަކުގެ ހާލަތު ދެނެގަނެ، އެ އިންވެސްޓްމަންޓުތަކުގެ ކަންކަން ޒަކާތު ހައުސްއިން ޤަވާއިދުން މޮނިޓަރ ކުރަންޖެހެއެވެ.