ޚަބަރު

ރައީސް އޮފީސް ސަރަޙައްދުގައި އޮންނަ އެއްގަމު ތޮށި ޑިފެންސްއަށް


  • ދިފާޢީ ވުޒާރާއަށް ހާއްސަކޮށްފައިވަނީ ފުލުހުންގެ އިދާރާއިން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް

  • އެހެން އެއްވެސް އުޅަނދެއް އެ ސަރަހައްދަށް ކައިރި ކުރުމަކީ މަނާކަމެއް

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާއި ވުޒާރާގެ ބޭނުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދެއް ކަމަށް އިމާރަތް ކުރުމާއި ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫޢު ނިންމުމަށް ފަހު އެ ސަރަހައްދުގެ މަގު މިހާރު އާންމު ބޭނުމަށް ވަނީ ހުޅުވާލާފައެވެ. އެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ އިރު އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ލަފާފުރުމުގައި ފަސޭހަވާނެހެން ބައެއް އިންތިޒާމުތައް އޭރު ހަމަޖެހިފައި އޮތެވެ.

ނަމަވެސް މަގު އަލުން ހުޅުވުމާއި އާންމު ބޭނުންތަކަށް ލަފާފުރާ ސަރަހައްދު މިހާރު ވަނީ ކަނޑައަޅާފައެވެ. މިއާއެކު ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގ (ކޯސްޓްގާޑް ބިލްޑިން) ހަމައަށް އޮތް ސަރަހައްދު މިހާރު ވަނީ ދިފާޢީ ވުޒާރާގެ ބޭނުންތަކަށް ރަސްމީކޮށް ހަމަޖައްސާފައެވެ. އެހެން ކަމުން މިއަދުން ފެށިގެން މި ސަރަހައްދުގައި ދިފާޢި ވުޒާރާގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާ ކަމެއް ކަމަށް އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.