ޚަބަރު

އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ


  • މޮނިޓަރިންގ މަސައްކަތް ހުއްޓުނީ 2020ވަނަ އަހަރު ސެކްޝަން އުވާލުމުން

  • އޭގެފަހުން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އުސޫލުން ބޭރުން ޖާމާވެފައި

  • ސިސްޓަމްތައް ރަނގަޅުކުރުމުގެ މަސައްކަތްދަނީ ކުރަމުން

އިޖުތިމާއީ އެހީތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެންސްޕާއިން ފަށައިފިއެވެ. އެންސްޕާއިން ވިދާޅުވީ އެއިދާރާގެ މޮނިޓަރިންގ ސެކްޝަން 2020ވަނަ އަހަރު އުވާލުމާއެކު މޮނިޓަރިންގ ކަންކަން އޮތީ ހީނަރުވެފައިކަމަށެވެ.

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަދި ދިމާވާ އެކި ޙާލަތްތަކުގައި އިޖުތިމާއި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް މާލި އެހީތެރިކަންފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިންނެވެ. އޭގެ ތެރޭގައި ފަޤީރު ހާލަތުގައި ދަރިން ބަލަހައްޓާ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަޤީރު ޙާލަތްތަކުގައި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ މީހުންނަށް ދެވޭ އެހީތެރިކަމާއި، ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާއިންދަނީ ކުރަމުންނެވެ.

އެންސްޕާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރޭގައި އެންމެ މުހިއްމު އެއްކަމަކީ މޮނީޓަރިންގެ މަސައްކަތްކަމަށެވެ. އެހެންނަމަވެސް 2020ވަނަ އަހަރު އެމަސައްކަތް ކުރަމުންދިޔަ މޮނީޓަރިންގ ސެކްޝަން އުވާލުމާއި ގުޅިގެން، އެމަސައްކަތް ހުއްޓިފައިވާކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެހީ ފޯރުކޮށްދިނުމުގެ ތެރެއިން ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާވަމުންދިޔަކަން ޝިރުނާ ފާހަގަކުރެއްވިއެވެ.

"ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަންވަނީ ހާމަވެފައި. މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟ މިހާރު އަޅުގަނޑު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ޝިރުނާ ވިދާޅުވިއެވެ.

ޝިރުނާ ވިދާޅުވީ އެންސްޕާގައި 15000 އެއްހާ މީހުން ރަޖިސްޓްރީވެފައިވާއިރު މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ނިޔާވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރެވިފައިވާކަން އެންސްޕާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އެންސްޕާގެ މޮނީޓަރިންގ ސެކްޝަންގެ ބެލުމުގެ ދަށުން، ގުރައިދޫގައި ހުންނަ މަރުކަޒުގައި ތިބޭ މީހުންނާއި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ މީހުންގެތެރެއިން، އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކާއި، ފަޤީރު ހާލަތުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެމުންދާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ބަލައި އެމަޢުލޫމާތު އަދާހަމަކުރަމުންދެއެވެ. އެހެންނަމަވެސް އެމަސައްކަތް ހުއްޓާލުމާއި ގުޅިގެން ޙާލަތު ބަދަލުވީ މީހުންގެ މަޢުލޫމާތު އަދާހަމަނުކުރެވުމާއި، ނިޔާވެފައިވާ މީހުންގެ މަޢުލޫމާތު އަދާހަމަނުކުރެވެއެވެ. އޭގެ ސަބަބުން ހައްގު ނޫން ފަރާތްތަކަށް ފައިސާ ފޯރުކޮށްދެވުމުގެ މައްސަލަވަނީ ފެންމަތިވެފައެވެ. މިކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެންސްޕާއިން ވިދާޅުވެއެވެ.