ޚަބަރު

ޗައިނާ އެމްބަސީން އޯޓިޒަމް އެސޯސިއޭޝަނަށް ކޮމްޕިއުޓަރ ހަދިޔާކޮފި


މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ އެއެސޯސިއޭޝަންގެ އާ ސްކޫލްގައި ބޭނުންކުރުމަށް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން 19 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.

މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު އޯޓިޒަމް އެސޯސިއޭޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިފްހާމް ޙުސައިން ވިދާޅުވީ، މި ކޮމްޕިއުޓަރ ސިސްޓަމްތައް ލިބުމުން އެ އެސޯސިއޭޝަނުން ޚިދުމަތް ހޯދާ ކުދިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14773043557816.jpg|ޗައިނާ އެމްބަސީގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަނަށް 19 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކުރުން - ފޮޓޯ: ޕީއެސްއެމް

އިފްހާމް އިތުރަށް ވިދާޅުވީ، 2010 ވަނަ އަހަރު އޯޓިޒަމް އެސޯސިއޭޝަން ވުޖޫދަށް އައުމާއިއެކު ޗައިނާ އެމްބަސީން ހަދިޔާކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އަދި، ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް، އެ އެސޯސިއޭޝަނުން ހުޅުމާލޭގައި ތަރައްޤީކުރާ އައު ޢިމާރާތް ބޭނުންކުރަން ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށް އިފްހާމް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނޭފަދައިން އޯޓިޒަމް ކުދިންނަކީ ވަރަށް ތަފާތު ކުދިން. ބައެއް ކުދިންނަކީ ނޮން ވާބަލް ކުދިން. އެހެންވީމަ އެކުދިން ވާހަކަނުދެކެވޭ ކުދިންކަމުގައިވާތީ، އެކުދިންނާއި ކޮމިއުނިކޭޓް ކުރުމަށް ބޭނުންކުރަނީ އެޕްލިކޭޝަންސް ތަކެއް. އެއީ ކޮމްޕިއުޓަރ މެދުވެރިކޮށް އަދި އައިޕެޑް މެދުވެރިކޮށް. އެހެންކަމުންވެސް އޯޓިޒަމް ކުދިންނަށް ވަރަށް މުހިންމު އެއްޗެއް މި ކޮމްޕިއުޓަރސް އެމީހުންގެ ކްލާސްރޫމްގައި ބޭނުންކުރުން. އަދި މީގެ އިތުރުންވެސް ރިންފޯސާއެއްގެ ގޮތުގައި ބޭނުންކުރަން." އިފްހާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ފޫކާން، އޯޓިޒަމް އެސޯސިއޭޝަނަށް ޗައިނާ އެމްބަސީގެ ފަރާތުން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

އަދި، ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަންގ ފޫކާންވަނީ، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާ ސަރުކާރުން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ ދަށުން މިހާރު ހިންގަމުންދާ "މާލެ އޯޓިޒަމް ސެންޓަރ" ގައި، ޖުމްލަ 93 ދަރިވަރުން އުނގެނެމުންދާއިރު، 33 ޓީޗަރުން ދަނީ އެ އެސޯސިއޭޝަންގައި މަސައްކަތް ކުރައްވަމުންނެވެ.