ރިޕޯޓް

ފުވައްމުލަކަށް ޚާއްސަ ކައްޓެޅި


ކައްޓެޅިއަކީ ފުވައްމުލަކު ރައްޔިތުން ކެއުމަށް ބެނުންކުރާ އެރަށު މީހުންގެ މެދުގައި އެންމެ ޑިމާންޑް ބޮޑު މަހުގެ ބާވަތެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން ނުފެންނަ މިމަސް އާންމުކޮށް ބާނަނީ ހަމައެކަނި ފުވައްމުލައް ހިމެނޭ ސަރަހައްދުންނެވެ.

ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް އެއް ރަށެއްގެ ގޮތުގައި އޮންނަ އެކަހެރި އަތޮޅެކެވެ. މިރަށުގެ އާދަކާދަތަކާއި ސަޤާފަތްވެސް އެހެން ރަށްރަށާ ތަފާތެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އެރަށްރަށަށް  ޚާއްޞަ ކަންތައްތަކެއް ވާ ފަދައިން ފުވައްމުލަކަށްވެސް ޚާއްޞަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކައްޓެޅިއެވެ. 

ކައްޓެޅިއަކީ ޒަމާނުއްސުރެ ފުވައްމުލަކު ރައްޔިތުން ކެއުމަށް ބޭނުންކުރަމުން އަންނަ މަހެކެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން ކައްޓެޅިއަކީ އާންމުކޮށް ބާނާ ބަހެއްނޫނެވެ. އެހެންނަމަވެސް ފުވައްމުލަކު މީހުން ކޮންމެ ދުވަހަކުވެސް ކައްޓެނި ބާނައެވެ. ކައްޓެޅި ބާނަން ދިއުމަށް ޙާއްޞަ އުޅަނދުތައް އެރަށުގައި ގިނަ އަދަދަކަށް ހުރެއެވެ. އާންމުކޮށް ކައްޓެޅި ބާނަން ދަނީ ކުދި ބޮއްކުރާ ފަރަހަރުގައި އައުޓްބޯޑް އިންޖީނު އަޅައިގެންނެވެ. ފުވައްމުލަކާ ކައިރިން ކަނޑުގެ ގާތްގަނޑަކަށް ސަތޭކަ ފަންސާސް މީޓަރު އަޑިން ބާނާ މިމަހަކީ އެރަށުގައި ވަރަށް ޑިމާންޑް ބޮޑު މަހެކެވެ. ކައްޓެޅި ބާނަން އުޅަނދުފަހަރު ރަށުން ފުރަނީ ހަވީރު ހަތަރު ގަޑި ތިރީސް އެހާކަންހާއިރުއެވެ. އަދި އެމީހުން މަސްބާނައިގެން އާންމުކޮށް އަންނަނީ އަށްގަޑި ތިރީސް އެހާކަންހާއިރުއެވެ. ކައްޓެޅި ބާނައިގެން އަންނަ ގަޑިއަށް ގިނއަދަދެއްގެ ބަޔަކު އެރަށު މަސްމާރުކޭޓަށް ޖަމާވެއެވެ. ސަބަބަކީ އެރަށުގެ ގިނަ ގޭގޭގައި ރޭގަނޑުގެ ކެއުމަށް މިމަސްބޭނުންކުރާތީއެވެ. 

ކައްޓެޅި ގިނައިން ބާނާ ދުވަސްވަރު އާދައިގެ ކައްޓެޅިއެއް ވިއްކަނީ ސަތޭކަ ރުފިޔާއަށެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ކައްޓެޅިއެއްގެ އަގު އެއްހާސް ރުފިޔާއަށްވުރެވެސް މައްޗައް އަރައިގެންދާކަމަށް ކައްޓެޅި ވިއްކާ ފަރާތްތަކުން ބުނެއެވެ. 

ފުވައްމުލަކު ގޭގޭގައި ކައްޓެޅި އާންމުކޮށް ބޭނުންކުރަނީ ގަރުދިޔަ ކެއްކުމަށެވެ. ކައްޓެޅިންވެސް ގަރުދުޔަ ކައްކަނީ އެހެން މަސްމަހުންވެސް ދިވެހިން އާންމުކޮށް ގަރުދިޔަ ކައްކާ ގޮތަށެވެ. ނަމަވެސް ކައްޓެޅި ކައްކަކީ އޭގެ ކަރުގަނޑާވެސް އެއްކޮށެވެ. ފުވައްމުލަކު މީހުން ބުނާގޮތުގައި ކައްޓެޅިއަކީ އެރަށަށް ޙާއްޞަ އަދި އެރަށު އެންމެ ގިނަގޭގައި ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތެވެ. 

ކައްޓެޅި ގަރުދިޔައާއެކު އާންމުކޮށް ކެއުމަށް ބޭނުންކުރަނި އޮޅުއަލައެވެ. ނަމަވެސް ބައެއް ގޭގޭގައި ރޮށިވެސް ބޭނުންކުރެއެވެ.