ޚަބަރު

ރެގާރް ޓެޑަޒް އަތުން ބަލިވެ މާޒިޔާއަށް އޭއެފްސީ ދަތުރު ނިމިއްޖެ


  • މާޒިޔާގެ މައްޗަށް ރެގާރް ޓެޑަޒް އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުން

  • މި މެޗުގައި ތިން ގޯލު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައި

ތަޖިކިސްޠާނުގެ ރެގާރު ޓަޑާސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ މާޒިޔާ އިން އޭއެފްސީ ޗެލެންޖް ލީގަށް ދިޔުމަށް ކުރި ދަތުރު ނިމިއްޖެއެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން މިއަދު ހަވީރު ކުޅުނު މެޗު އެންމެ ފުރަތަމަ ކުޅުމަށް ތާވަލުކުރީ އަންގާރަ ދުވަހުއެވެ. އެކަމަކު ރެގާރު ޓަޑާޒްއަށް ދަތުރުފަތުރު ކުރުމުގައި ދިމާވި ދަތިތަކާއި ގުޅިގެން މި މެޗު ބުދަ ދުވަހަށް ފަސްކުރީއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނިޓްގައި މާޒިޔާގެ އިބްރާހީމް މަހުދީ ހުސެއިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ރެގާރުގެ ކީޕަރު ސެވެރިން ޓަކަމް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނިޓްގައި މާޒިޔާގެ މިޑްފިލްޑަރު އަހުމަދު އައިހަމް މުޅިން ހުހަށްހުރެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދޭން މަސައްކަތްކުރި ބޯޅައަށް ވެސް ޓަކަމް ވަނީ ހުށިޔާރުކަމާއެކު ހުރަސްއަޅައިފައެވެ.

އޭގެ ފަހުން ވެސް މާޒިޔާ އިން ވަނީ ރެގާރުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ރެގާރު ޓަޑާޒް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓްގައި ރެގާރު ޓެޑާޒް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިއީ ޚައިތޮވް އަޒިޒްބެކް ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށްއަރައި ޕަންޒިއޭވް އޮޒޯބެކް ކާމިޔާބުކޮށްދިން ގޯލެކެވެ.

މި ލަނޑަށްފަހު ވެސް ރެގާރު ޓެޑާޒް އިން ވަނީ މާޒިޔާ ހާފަށް ޖެހި އެ ޓީމަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 89 ވަނަ މިނިޓްގައި ޝަރްޒާދް މަހަމެޑޯވް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޕަންޒިއޭވްގެ އެހީތެރިކަމާއެކު މަހަމެޑޯވް ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި ރެގާރު ޓަޑަޒްގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ ޝަފަރޯވްއެވެ.

މި ނަތީޖާއާއެކު އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތު ތަޖިކިސްތާނުގެ ރެގާރު ޓަޑަޒްއަށް ވަނީ ލިބިފައެވެ.