ޚަބަރު

މުނީޒް ވޮލީބޯޅަ މޫވްމަންޓުގެ ވޮލީބޯޅަ ކޭމްޕް، ކޯޗު ސާޖިއޯއާއެކު


  • ސާޖިއޯ އަކީ ކުރިން ގައުމީ ޓީމުގެ ކޯޗު

  • ސާޖިއޯ ވަނީ ރާއްޖޭގެ ވޮލީ ކުރިއަރަމުން އަންނަކަން ފާހަގަކޮށްފައި

  • ވޮލީ ކޯޗުންނަށް ސެޝަންތަކެއް ބޭއްވި

މުނީޒް ވޮލީބޯލް މޫވްމެންޓްގެ ފަރާތުން ތަޖުރިބާކާރު ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޮސޯގެ އިރުޝާދުގެ ދަށުން ކާމިޔާބުކަމާއެކު، 10 ދުވަހުގެ ވޮލީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ބޭއްވި މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ އެކުވެނި އައުޓް ޑޯ ވޮލީކޯޓުގައެވެ. މި ކޭމްޕްގައި 40އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި ކޭމްޕްގައި މުނީޒް އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން އިތުރު އެކަޑަމީތަކުގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދިޔައިރު، ރޭގަނޑު ކޯޗު ސާޖިއޯ ވަނީ ރާއްޖޭގެ ވޮލީ ކޯޗުންނަށް ސެޝަންތަކެއްވެސް ބާއްވާފައެވެ.

ކޭމްޕާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ސާޖިއޯ ބުނީ، ވޮލީބޯޅައިގެ މުސްތަގުބަލް ފެށިގެން އަންނަނީ ޒުވާން ކުޅުންތެރިންނާ ހަމައިން ކަމަށެވެ. އަދި މި ކުޅުންތެރިންނަށް މީގެ ގިނަ ކޭމްޕްތަކެއް ލިބެން ޖެހޭ ކަމަށް ކޯޗު ފާހަގަކުރިއެވެ.

ޤައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާޖިއޯ ބުނީ މީގެ ކުރިންވެސް ރާއްޖޭގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށާއި، އޭރާ އަޅާބަލާއިރު، ވޮލީބޯޅައިގެ ފެންވަރު މަތިވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މުނީޒް އެކަޑަމީން ބުނީ މީގެ ގިނަ ކޭމްޕްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ހުރި ކޭމްޕްތައް ބާއްވަން ވެސް މަސައްކަތް ކުރާނީ ކޯޗު ސާޖިއޯއާއެކުގައި ކަން މުނީޒް އެކަޑަމީން ބުންޏެވެ.

މުނީޒް އެކަޑަމީން ބުނީ އެ އެކަޑަމީގެ އަމާޒަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި، ވޮލީބޯޅައިގެ އައު ޖީލެއް ބިނާވުން ކަމަށެވެ. އަދި އޭގައި އެކަޑަމީގެ ހިއްސާއެއް އޮތުން އެއީ ދެކޭ ހުވަފެނެއް ކަމަށެވެ.