ޤައުމީ ކުތުބުޚާނާއަށް 81 ފުރުމާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް ފާހަގަކޮށްފިއެވެ.
ޤައުމީ ކުތުބުޚާނާގާއި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި ކުތުބުޚާނާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ކުތުބުޚާނާގެ ތާރީޚުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި މެނިފެސްޓޯއެއްގެ ދަށުން މަސައްކަތްތަކެއް ރޭވިފައިވަނީ މި ސަރުކާރުގައި ކަމަށެވެ. އެގޮތުން، ސިޓީތަކުގައި ޒަމާނީ ފެންވަރުގެ ކުތުބުޚާނާތައް ޤާއިމުކޮށް، ޒުވާނުންގެ މެދުގައި ދިރާސާކުރުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާތިމަތު ޝިހާމް ވިދާޅުވީ، ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޚިދުމަތް ދިނުމުގެ އާންމު ޤަވާއިދު އިޞްލާޙުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކަކަށް ޙައްލު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤައުމީ ކުތުބުޚާނާގެ އިސްތިރާޖީ ރޭވުން މިހާރު އެކުލަވާލާފައިވާކަމަށާއި، ކަމާގުޅުންހުރި މުއައްސަސާތައް އެއް ވުޒާރާއެއްގެ ދަށަށް ބަދަލުވުމާއެކު، މަސައްކަތްތައް އިތުރަށް ހަލުވިވެ ފުރިހަމަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުތުބުޚާނާއަކީ ހަމައެކަނި އަލަމާރިތަކުގައި ފޮތްތަކެއް ބަހައްޓާފައި ހުންނަ ތަނެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަންޖެހޭ ކަމަށް ފާތިމަތު ޝިހާމް ވިދާޅުވިއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކި ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން މިހާރު މަސައްކަތްތަކެއް ފެށިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ލައިބްރަރީއަކީ ހަމައެކަނި ޝެލްފުތަކެއްގައި ހުރި ފޮތްތަކެއް ބޭނުންކުރާ ތަނެއްގެ ގޮތުގައި ނުދެކި، ކޮމިއުނިޓީ ސްޕޭސްއެއް އާދެ ތާރޑް ސްޕޭސްއެއްގެ ގޮތުގައި ބައްޓަން ކުރަން، އެކި ޖަމިއްޔާތަކާއި ބުކް ކުލަބުއެކި މަސައްކަތް ވަނީ އިތުރުކުރެވިފައި" ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވިއެވެ.
ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އެ ކުތުބުޚާނާގެ "މިނީ މައުރަޒު" އާއި "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވަޒީރު ހީނާ ވަލީދެވެ. މި މައުރަޒުގައި ކުތުބުޚާނާގެ ތާރީޚީ ފޮޓޯތަކާއި، މުހިންމު މަޢުލޫމާތުތަކުގެ އިތުރުން، އެ ތަނުގެ މަސައްކަތްތަކުގައި އެކި ދުވަސްވަރު ބޭނުންކޮށްފައިވާ އާސާރީ ތަކެތި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ތައާރަފުކުރި ޑިޖިޓަލް ރިޕޯޓް ކަލެކްޝަނަކީ ރާއްޖޭގެ އިންސިޓިއުޝަންތައް، އޯގަނައިޒޭޝަންތައް އަދި ޖަމުއިއްޔާ ޖަމާއަތްތަކުން ނެރޭ މުހިންމު ރިޕޯޓްތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ނިޒާމެކެވެ.