އާމްދަނީއާއި ޚަރަދު ބެލުމަށް ޚާއްސަ ސަރވޭއެއް މާލެ ސަރަޙައްދުގައި ފަށައިފިއެވެ. މިސަރވޭ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މިއަހަރު ތެރޭގައިވަނީ ކުރިއަށްގެންގޮސްފައެވެ.
ގޭބިސީތަކުން ކުރާ ޚަރަދުތަކާއި ލިބޭ އާމްދަނީއާއި ގުޅޭގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ "ހަޔަސް ސަރވޭ" މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 21ގެ ނިޔަލަށެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ ސަރވޭ ކުރިއަށްގެންދާއިރު ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރަމުންދާނެކަމަށާއި، މަޢުލޫމާތު ހޯދުމަށްދާ އެއިދާރާގެ ޓީމުތަކުން ބިއުރޯގެ އައިޑީ ބޭނުންކުރާނެކަމަށެވެ. އެހެންކަމުން މިކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމަށް އެއިދާރާއިންވަނީ އެދިފައެވެ.
މިސަރވޭގައި ގޭބިސީގެ އެވްރެޖް ޚަރަދާއި އެކިކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު މިސަރވޭގެ އަލީގައި އެކުލަވާލުމަށް ހަމަޖެހިފައިވާއިރު، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާޙުކުރުމަށްވެސް މިސަރވޭއިން ލިބޭ މަޢުލޫމާތުގެ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ގޭބިސީގެ އެވްރެޖް އާމްދަނީއާއި ޚަރަދުތައް ބެހިފައިވާގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުމަށްވެސް މިއާއެކުވަނީ ހަމަޖެހިފައެވެ. މިސަރވޭގައި ތަޢުލީމު ޙާސިލުކޮށްފައިވާ މިންވަރާއި، ހިޖުރަކޮށްފައިވާނަމަ އެކަމާއި، މަސައްކަތުގެ މަޢުލޫމާތާއި، އާމްދަނީއާއި، އާމްދަނީ ނުލިބި އަމިއްލަ ގޭބިސީއާއި އާއިލާއަށްކޮށްދޭ ޚިދުމަތްތަކާއި، ހޭދަކުރާ ވަގުތުބެލުމަށްވަނީ ހަމަޖެހިފައެވެ.
We will be continuing Household Income and Expenditure Survey 2026 at greater Male’ region from 11th to 21st July 2026. Our teams will be visiting selected households, and we kindly seek your full cooperation and support during this important exercise.
— Statistics Maldives (@statsmaldives) July 11, 2026
All our enumerators will… pic.twitter.com/Y10OkxUQ8y
ހަމައެއާއެކު ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި، ދިރިއުޅޭ ގޭބިސީއާއި އެތަނުގެ އާންމު މަޢުލޫމާތާއި، ފޯނު ބިލާއި، ކަރަންޓު އަދި ފެން ބިލުތަކުގެ މަޢުލޫމާތާއި، ދަތުރުފަތުރާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމު ހޯދުމަށާއި، އަންނައުނާއި، ކާބޯތަކެއްޗަށްކުރާ ޚަރަދުތަކާއި އެގޭބިސީއެއްގައި ދިރިއުޅޭ މީހުން އެކި ކަންކަމުގައި ނަގާފައިވާ ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.
ކޮންމެ 5 އަހަރުން ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ މިސަރވޭ އެންމެ ފަހުން ކުރިއަށްގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ގޭބިސީތަކުގެ ޚަރަދާއި އާމްދަނީއަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސްޓެޓިސްޓިކްސް ބިއުރޯއިންދަނީ ކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް ކ. އަތޮޅާއި، މ އަތޮޅާއި، އައްޑޫ ސިޓީއާއި، ލ.އަތޮޅު އަދި ނ.އަތޮގައި މިސަރވޭވަނީ ކުރިއަށްގެންގޮސްފައެވެ.
މިސަރވޭގައި މާލެއާއި ސިޓީތަކުން 2085 ގޭބިސީން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުގައި ޖުމުލަ 2010 ގޭބިސީން މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. މިއާއެކު ޖުމުލަ 4095 ގޭބިސީއެއްގެ މަޢުލޫމާތު މިސަރވޭގެ ތެރެއިން އެއްކުރާނެއެވެ.