ޚަބަރު

އައުގްސްބަރގުން ބަޔާން ހިފަހައްޓާލައިފި


  • މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެން

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އައުގްސްބަރގް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

އައުގްސްބަރގްގެ ޑަބްލިޔު.ޑަބްލިޔު.ކޭ އެރީނާގައި ކުޅުނު މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މިގޮތުން 30 ހަމަލާ އުފެއްދި އިރު އޭގެ ތެރެއިން 10 ހަމަލާ ގޯލަށް އަމާޒުކޮށްފައިވެއެވެ. ނަމަވެސް މިމެޗުގެ ފެށުން ދިޔައީ ބަޔާންއަށް ވުރެ ބޮޑަށް އައުގްސްބަރގްއިން ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ ފުރަތަމަ މިނެޓްގައި ބަޔާންގެ ތަޖްރިބާކާރު ކީޕަރ މަނުއެލް ނޯޔާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އައުގްސްބަރގްއިން މިމެޗުގެ ލީޑު ނެގިއެވެ. މެޗު ފެށިތާ އަށެއް ޕޮއިންޓް ތިނެއް ހަތެއް ސިކުންތުގެ ތެރޭގައި ކާމިޔާބު ކުރި މިލަނޑަކީ ބުންޑެސްލީގާގެ ތާރީހްގައިވެސް މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. މެޗުގެ 8 ވަނަ ސިކުންތުގެ ތެރޭގައި ނޯޔާއަށް ލިބިގެންދިޔަ ބޯޅަ ޕާސް ކުރަން އުޅުމުގެ ތެރޭގައި އައުގްސްބަރގްގެ ރޮބިން ފެލްހައުޔާއަށް ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ބަޔާންގެ ގޯލްގެ ތެރެއަށް އެބޯޅަ ފޮނުވާލައިފައެވެ. މީގެކުރިން އެންމެ އަވަހަށް ބުންޑެސްލީގާގައި ލަނޑު ޖަހާފައިވަނީ ބަޔަރ ލެވަކޫސެންގެ ކަރިމް ބެލަރާބީ އާއި ހޯފެންހެއިމްގެ ކެވިން ވޮލާޑެވެ. އެއީ މިދެ ކުޅުންތެރިން 9 ވަނަ ސިކުންތުގައި ކާމިޔާބު ކޮށްފައިވާ ދެ ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އައުގްސްބަރގްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗުގައި ބަޔާންއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 55 ވަނަ މިނެޓުގައި އިސްމާއީލް ސައިބާރީ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އައުގްސްބަރގް އިން ވަނީ މިމެޗުގެ 64 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. މިފަހަރު އެޓީމަށް ލަނޑު ޖަހައިދިނީ ރޮޑްރިގޯ ރިބެއިރޯއެވެ. މިމެޗުން ބަޔާންއަށް ޕޮއިންޓެއް ލިބިގެންދިޔަ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިިނެޓްގައި ކާމިޔާބު ކޮށްދިނީ ނެތާނިއެލް ބްރައުންއެވެ. މިމެޗުގައި ބަޔާން އިން ކާމިޔާބު ކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ހެރީ ކޭން ތަނަވަސްކޮށްދިން ދެ ފުރުސަތުންނެވެ.

މިމެޗު އެއްވަރު ވުމުން ތާވަލްގެ އެއްވަނައަށް އެރުމަށް ބަޔާން އަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. މިމެޗުން ލިބިގެންދިޔަ ޕޮއިންޓާއެކު ބަޔާން މިހާރު އުޅެނީ 5 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އައުގްސްބަރގް އުޅެނީ 5 މެޗުން ލިބިފައިވާ 8 ޕޮއިންޓައެކު ތާވަލްގެ 6 ވަނައިގައެވެ.

މިހަފްތާގައި ތާވަލްގެ އެއްވަނައިގާ އުޅޭ ބޮރޫޝިއާ ޑޯޓްމުންޑް އާއި ވަރޑަރ ބްރޭމަން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ކުޅެ އެއްވަރުވުމުން ގެއްލިގެން ދިޔަ ދެ ޕޮއިންޓާއެކު ބަޔާންއަށް އެޓީމުގެ މެޗު ކާމިޔާބު ކޮށްގެން ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ޑޯޓްމުންޑްގެ މެޗު އެއްވަރު ވުމުން އެޓީމު އެއްވަނައިގާ އުޅެނީ 13 ޕޮއިންޓާއެކުއެވެ.

ބުންޑެސްލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ހެމްބަރގް އާއި ހޯފެންހެއިމް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ރަށުން ބޭރުގައި ހެމްބަރގް ކާމިޔާބު ކުރިއިރު ލެވަކޫސެން އާއި މެއިންޒް ބައްދަލުކުރި މެޗު 4 ލަނޑު 3 ލަނޑުން ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ ލެވަކޫސެންއެވެ. ތާވަލްގެ 5 ވަނައިގާ އުޅޭ އާރްބީ ލެއިޕްޒިގް އަމިއްލަ ދަނޑުގައ އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކުރި މެޗު 6 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެއިންޕްޒިގެވެ. އަދި ޝުޓުޓްގާޓް އާއި ޕެޑަރބޯން ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ޝުޓުޓްގާޓް ކާމިޔާބު ކުރިއިރު ޔޫނިއަން ބަރލިން އާއި އެލްވަރސްބަރގް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޔޫނިއަން ބަރލިންއެވެ.