ޚަބަރު

ވިލުންވެށި ޕްރޮގްރާމް ރަށްރަށުގެ ސްކޫލުތަކަށް ފުޅާކުރަނީ


  • ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ ހުޅުވީ ހިރިޔާ ސްކޫލުގައި

  • އިތުރު 5 ސްކޫލެއްގައި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވޭ

"ވިލުންވެށި" ޕްރޮގްރާމަކީ ހަމައެކަނި މާލޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ނޫން ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ވިލުންވެށި ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ "ސްކޫލް ގާޑަން" އިފްތިތާޙު ކޮށްފައިވަނީ، ހިރިޔާ ސްކޫލުގައެވެ. ހިރިޔާ ސްކޫލުގައި ޤާއިމުކުރި މި ބަގީޗާއަށް ނަން ދީފައިވަނީ "ގާޑަން އޮފް ގްރޯތު" ގެ ނަމުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދަނޑުވެރިކަމުގައި މިހާރު ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ. ގްރީން ހައުސްތަކާއި، ހައިޑްރޯފޯނިކްސްގެ ހޮރިޒަންޓަލް އަދި ވަޓިކަލް ފާމިންގް ސިސްޓަމްތައް ފަދަ ޒަމާނީ ދަނޑުވެރިކަމުގެ އާލާތްތައް މެދުވެރިކޮށް ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކާއިރު، ދަރިވަރުންނަށް އަމަލީ ގޮތުން އެކަންކަން ފެންނާނެ ވަސީލަތްތައް މަދުވުމަކީ ޓީޗަރުންގެވެސް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ހުސްއެކަނި ކިޔެވުމުގެ އިތުރުން، އެ އެކްސްޕިރިއަންސްކޮށްފައި އަދި ރާއްޖޭގައި މިކަމަކީ ހަމަ ފުޅާދާއިރާއެއްގައި މިހާރުވެސް ކުރަމުންދާ އަދި ކުރެވިދާނެ ކަމެއް ކަމަށް ކުދިންނަށް މީތި އިންސްޕާއަކޮށް، ދެން އޮތް ޖެނެރޭޝަނަށްވެސް މީތީގައި މި ބެނިފިޓްތަކެއް އެބަހުރި ކަމާއި، ރާއްޖޭގައި މިކަން ކުރެވިދާނެ ކަމަށް މި ކުދިންނަށް، އެ ވިސްނައިދީގެން ދެން އޮތް ޖެނެރޭޝަން ތައްޔާރުކުރަން މަސައްކަތް ކުރަނީ." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ތަޢުލީމީ ވުޒާރާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސްކޫލު މާހައުލުގައި މިފަދަ ބަގީޗާތައް ޤާއިމުކުރުމުން، ކިޔަވައިދޭ ފިލާވަޅުތަކަށް އިތުރު ފުރިހަމަކަމެއް ލިބި، ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދިގެންދާނެ ކަމަށެވެ.

ހިރިޔާ ސްކޫލުން މި ޕްރޮގްރާމް ފެށި ނަމަވެސް، ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރު ސްކޫލުތަކާއި، އަތޮޅުތަކުގެ ރަށްރަށުގައިވެސް މި ޕްރޮގްރާމް ފުޅާކޮށް، ގިނަ ދަރިވަރުންތަކަކަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ ވުޒާރާގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ވިލުންވެށި ޕްރޮގްރާމަކީ، ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" އީސީއާރުއެފްއެސް، މަޝްރޫޢުގެ ދަށުން، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ސްކޫލުތަކުގައި ތަންފީޒުކުރަނީ ތަޢުލީމީ ވުޒާރާއާއި ގުޅިގެންނެވެ.

ވިލުންވެށި ޕްރޮގްރާމުގެ ދަށުން ތަރައްޤީކޮށްފައިވާ މި ބަގީޗާ ފަރުމާކޮށްފައިވަނީ، ޒަމާނީ ވަޞީލަތްތަކާއެކުގައެވެ. އޭގެ ތެރޭގައި ވާޓިކަލްކޮށް ގަސް ހެއްދުމަށް ބޭނުންކުރާ ސިސްޓަމްތަކާއި، ފަތްޕިލާވެލި ހެއްދުމަށް ޚާއްސަ ހައިއިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ އިތުރުން މޭވާ ހައްދާނެ ޚާއްސަ ސަރަހައްދެއް ހިމެނޭ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ގޮތުން ފެން ބޭނުންކުރުމަށް ވާރޭފެން ރައްކާ ކޮށްގެން ގަސްތަކަށް ފެންދެވޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.