"ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ ރެޒިލިއަންސް އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް 2026"ގެ ސަބަބުން، ދިމާވެދާނެ ހާލަތަކަށް އިދާރާތައް ވަރަށް ބޮޑަށް ތައްޔާރުކޮށްފައިވާ ކަމަށް ސްކޫލް އޮފް ސައިންސް އެޑިތު ކޮވަން ޔުނިވަރސިޓީގެ، ސީނިއާ ލެކްޗަރަރ، ޑރ.އަޙްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސައިބަރ ރެޒިލިއަންސް ފެލޯޝިޕްގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިޔައީ، 28 ޖޫންއިން 2 ޖުލައި 2026 އަށް މާލޭގައެވެ. މިޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ޤާބިލުކަން އިތުރު ކުރުމަށާއި، ޑިޖިޓަލް ރެޒިލިއަންސް ވަރުގަދަ ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޑިތު ކޮވާން ޔުނިވަރސިޓީގެ ފަންނީ ތަޖުރިބާކާރުން ގުޅިގެން ކުރިއަށް ގެންދިޔަ މި ފެލޯޝިޕަކީ އޮސްޓްރޭލިއަން ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓްރޭޑް (ޑީއެފްއޭޓީ)ގެ މާލީ އެހީތެރިކަމާއެކު ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ކާމިޔާބުތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ޑރ.އަޙްމަދު އިބްރާހިމް ވިދާޅުވީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިފައިވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަމްރީންތަކެއް ކަމަށެެވެ. ޢަމަލީ ތަޖުރިބާއާއި ސިމިއުލޭޝަންތައް މެދުވެރިކޮށް ހާސިލުކުރި ތަމްރީންތަކުގެ މަންފާ ކުރިއަށް އޮތްތަނުގައި ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ޑރ.އަޙްމަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ ޕްރޮގްރާމެއްގެ ސަބަބުން، ރާއްޖެއާއި އޮސްޓޯރޭލިއާއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަގުފަހިވާކަންވެސް ޑރ.އަޙްމަދު ފާހަގަކުރެއްވިއެވެ.
"ފުރަތަމަ ފިޔަވަހީގައި 9 އެޖެންސީއަކުން 15 ބޭފުޅުން އޮސްޓްރޭލިއާއަށް ވަޑައިގަތް. އެކި އެޖެންސީތަކަށް ޒިޔާރަތްކޮށް އެމީހުންގެ ތަޖުރިބާތައް ހިއްސާކުރި. ރާއްޖޭގައި ސިނާރިއޯ، އިންސިޑެންޓް ރެސްޕޯންސް މި ކުރިއަށް ގެންދިޔައީ." ޑރ.އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.
މި ޕެލޯޝިޕްގެ ބައިވެރިއެއް ކަމަށްވާ މާޒިޔާ ޢަބްދުއްސައްތާރު ވަނީ، ޕްރޮގްރާމްގެ ތެރެއިން ލިބުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ. އެގޮތުން، ސައިބަރ ހިރާސްތައް ދެނެގަތުމާއި، ދާއިރާއަށް ހޭލުންތެރިވުމުގެ އިތުރުން ޢަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމަކީ މި ޕްރޮގްރާމް ކާމިޔާބުވާ އެއް ސަބަބު ކަމަށް މާޒިޔާ ވިދާޅުވިއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ދިފާއީ ނެޓްވޯކްތައް ބިނާކުރުމަށާއި، އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ކޯޑިނޭޝަން ވަރުގަދަ ކުރުމަަށް ޕްރޮގްރާމް މެދުވެރިކޮށް ދަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސައިބަރ ގަވަރނަންސް، ސައިބަރ ހާދިސާތަކަށް އިޖާބަދިނުން މުހިންމު އިންފްރާސްޓްރަކްޗަރތައް ރައްކާތެރިކުރުން އަދި ރެސިލިއެންސް ޕްލޭނިންގފަދަ ކަންކަމުގައި ބައިނަލްއަޤުވާމީ އެންމެ ފާހަގަކޮށްލެވޭ މިންގަނޑުތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބިފައިވޭ." ޕެލޯޝިޕްގެ ބައިވެރިއެއް ބުންޏެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕްއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފެވެ.