ޚަބަރު

3 ދާއިރާއިން 26 ތެރަޕިސްޓުން ހޯދަނީ


  • ހޯދަމުންދަނީ ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ސައިކޮތެރަޕިސްޓުން

  • އަސާސީ މުސާރަ 12000 އިން މަތި

ތިން ދާއިރާއަކުން 26 ތެރަޕިސްޓުން ހޯދަން ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހުޅުވާލާއިފިއެވެ. އެވުޒާރާއިން ހޯދަން ޢިއުލާންކޮށްފައިވަނީ ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ސައިކޮތެރަޕިސްޓުންނަށެވެ.

ޞިއްޙީ ދާއިރާއަށް ބޭނުންވާ ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންވަނީ 6 ސްޕީޗް ތެރަޕިސްޓުން، 10 އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި 10 ސައިކޮތެރަޕިސްޓުން ހޯދުމަށްވަނީ ހުޅުވާލާފައެވެ. ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އަސާސީ މުސާރަ 12000 އިން މަތީގައި ހުރިއިރު ސައިކޮތެރަޕިސްޓުންގެ އަސާސީ މުސާރަ ހުރީ 17000 އިން މަތީގައެވެ.

ޞިއްޙީ ވުޒާރާއިން މި ފަރާތްތައް ހޯދަމުންދަނީ މާލެއާއި އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރުމަށެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ އެލަވަންސްތައް މިމަޤާމުތަކަށް ލިބޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. މިމަޤާމުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޢިއުލާނުގައިވާ ފޯމް މެދުވެރިކޮށް ހުށައެޅުމަށްވަނީ އެދިފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގައި އިންސާނީ ވަޞީލަތް އެންމެ މަދު އެއް ދާއިރާއަކީ އެކި ބާވަތުގެ ތެރަޕީތައްކަން ފާހަގަކުރައްވާ އެދާއިރާއިން ދިވެހީން ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށްވަނީ ނިންމަވާފައެވެ. ހަމައެއާއެކު ވަގުތުން ވަގުތަށް ބޭނުންވާ ތެރަޕިސްޓުން ހޯދުމަށްޓަކައި ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އެކި ސަބަބުތަކާ ހެދި، ވާހަކަދެއްކުމާއި ހަރަކާތްތެރިވެ އުޅުމުގައި ލަސްތަކެއް ހުންނަ ކުދިންނަށް ބޭނުންވާ އެކިބާވަތުގެ ތެރަޕީތަކަކީ ފަހަކަށް އައިސް ޑިމާންޑު ބޮޑުވެފައިވާ ޚިދުމަތެކެވެ. އެހެންކަމުން މިދާއިރާއަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީނުކުރުމަކީ ކުދިންނަށް ދުޅަހެޔޮ މުސްތަޤުބަލެއް ހޯދައިދިނުމަށް މުހިއްމު މަސައްކަތެކެވެ.