ޚަބަރު

ތުރުކީޔޭއިން މިފަހަރުގެ ވޯލްޑް ކަޕަށް އަލްވަދާއު ކިޔަނީ އިސް އުފުލާލައިގެން ތިބެ: ތުރުކީޔޭ ކޯޗު


  • މިމެޗު ތުރުކީޔޭ އިން ކާމިޔާބު ކުރީ 3 ލަނޑު 2 ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް މަރުހަލާއަށްފަހު ތުރުކީޔޭ މިމުބާރާތައް އަލްވަދާއު ކިޔަނީ އިސް އުފުލާލައިގެން ތިބެ ކަމުގައި އެޓީމުގެ ކޯޗު ވިންސެންޒޯ މޮންޓޭލާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި މުބާރާތް ބާއްވާ އެއް ޤައުމުކަމުގައިވާ އެމެރިކާ އާއި ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުނެނެވެ. ފުރަތަމަ ދެމެޗުން ބަލިވެފައިވުމުގެ ސަބަބުން އެމެރިކާ އާއި ބައްދަލުކުރި މެޗު ކާމިޔާބު ކުރިނަމަވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށްވަނީ ގެއްލިފައެވެ.

މޮންޓޭލާ ބުނީ މެޗުގެ އެހާ ކުރީކޮޅު މިސްޓޭޑިއަމްގައި މުބާރާތް ބާއްވާ ޓީމާ ދެކޮޅަށް ކުޅެ ނަތީޖާއެއް ނެރެވޭނީ ކުޅުންތެރިން އެކަމަށް ވަރަށް މަސައްކަތް ކޮށްގެން ކަމަށާއި އެހެން ކަމުން މިއީ ވަރަށް ރަނގަޅު ކާމިޔާބީއެއްކަމަށެވެ. އަދި ކުޅުންތެރިން މިހޯދި ކާމިޔާބީ އާމެދު އުފާކުރާ ކަމަށެވެ. އަދި މުޅި ޓީމުވެސް އެނބުރި ޤައުމަށް ދަނީ އިސް އުފުލާލައިގެން ތިބެ ޝަރަފް ވެރިކަމާއެކުކަމަށެވެ.

މިމުބާރާތަށް މިހާ އަވަހަށް އަލްވަދާއު ކިޔަން ޖެހޭތީ ހިތާމަ ކުރާ ކަމަށާއި ނަމަވެސް މިއީ ފުޓްބޯޅަ ކަމަށް މޮންޓޭލާ ބުންޏެވެ. މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ތުރުކީޔޭ ވާދަކުރި ފުރަތަމަ ވޯލްޑް ކަމަށްވީ ނަމަވެސް މޮންޓެލާ ބުނީ އެޓީމު އަނެއްކާ މިމުބާރާތުން ފެންނަށް އެހާ ދުވަސް ނަގާނެކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެމެރިކާ ޓީމުގެ މެދުތެރެއަށް ކުޅެމުންދާ ބްރެންޑެން އާރޮން ބުނީ އެޓީމުން ގްރޫޕް މަރުހަލާ ބައްޔަކާއެކު ނިންމާލަން ބޭނުން ނުވި ކަމަށާއި އެހެން ކަމުން އެންމެ ފަހު ވަގުތު ތުރުކީޔޭއިން ލަނޑު ޖެހުމުން ދެރަވި ކަމަށެވެ.

މިމުބާރާތުގައި އެމެރިކާ ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި އެހެން ކަމުން ގްރޫޕް މަރުހަލާ ބަލިނުވެ ނިންމާލަން ބޭނުންވި ކަމަށެވެ. ނަމަވެސް މިހާރު މުޅި ޓީމުގެ ވިސްނުން ހުރީ ކުރިއަށް އޮތް 32 ޓީމުގެ ބުރުގެ މެޗާއި ދިމާލަށެވެ. އެމެޗުގައި އެމެރިކާ ބައްދަލުކުރުމަށް ހަމަޖެހިފައވަނީ ބޮސްނިއާ އެންޑް ހާޒެގޮވީނާ ދެކޮޅަށް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.