ޚަބަރު

ށ. ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީކުރުމަށް އެމްޓީސީސީއަށް


  • މިއީ 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް

  • ރެކްރިއޭޝަން ކަންކަމަށްވެސް ޚާއްސަ ސަރަޙައްދެއް

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ (ނ.މ.ޝ.ޢ) އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީނެވެ.

މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެވެ. މި މަސައްކަތުގެ ތެރޭގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. އަދި ރެކްރިއޭޝަން ކަންކަމަށްވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 37.46 މިލިޔަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ފުނަދޫއަކީ 4186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަސައްކަތް ނިމުމާއެކު ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ އިޖުތިމާޢީ ގޮތުންވެސް ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ 3 ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ށ. ފުނަދޫގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ މިއަދު ހަވާލުކުރެވިފައިވާއިރު، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ވަނީ ހަވާލުކުރެވިފައެވެ. އަދި ކ. ތުލުސްދޫގައި ގާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމް.ޓީ.ސީ.ސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ، ދައުލަތުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.

ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.