2034 ވަނަ އަހަރު ސަޢުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ އަގުތައް އަތްފޯރާ ފަށުގައި ބަހައްޓަވައި، ކުޅިބެލުންތެރިންނަށް ރައްކާތެރި މުބާރާތަކަށް ހައްދަވާނެކަމުގެ ޔަގީންކަން އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރ ޕްރިންސް އަބްދުލް އަޒީޒު ބިން ތުރުކީ އަލްފައިސަލް ދެއްވަވައިފިއެވެ.
ސައުދީ ސްޕޯޓްސް މިނިސްޓަރ ވިދާޅުވިގޮތުގައި މުބާރާތުގައި ޓިކެޓްގެ އަގުތައް ކުޑަކުރުމަށްޓަކައި އެޤައުމުން ފީފާ އާއި ގުޅިގެން މަސައްކަތް ކުރާނެއެވެ. ޕްރިންސް އަބްދުލް އަޒީޒު ވިދާޅުވީ ޓިކެޓަކީ ފީފާގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށާއި އަދި އޭގެ އަގުތައްވެސް ނިންމާ ބަޔަކީ ފީފާ ކަމަށްވީ ނަމަވެސް އެޤައުމުގައި ބާއްވާ މުބާރާތުގެ ޓިކެޓް އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުޓްބޯޅައިގެ މައި ޖަމިއްޔާއާ ގުޅިގެން ކުރައްވާނެކަމަށެވެ.
ސައުދީ ސްޕޯޓްސް މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި އެ ޤައުމުގައި ބާއްވާ މުބާރާތް ބަލަންދާން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް މުބާރާތް ބެލުމަށް އެޤައުމަށް އެތެރެވެވޭނެ ގޮތް ހައްދަވާނެކަމަށެވެ. މިގޮތުން މިހާރުވެސް ސައުދީން 60 ޤައުމެއްގެ ރައްޔިތުންނަށް އީ ވީސާ އޮން އަރައިވަލްގައި ދޫކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގައި މި އަދަދު އިތުކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ސައުދީ ވަޒީރު ވިދާޅުވިއެވެ.
ޕްރިންސް އަބްޒުލް އަޒީޒު ވިދާޅުވިގޮތުގައި އެ ޤައުމުން މިހަރަކާތް ފައްޓާފައިވަނީ 2018 ވަނަ އަހަރު ބޭއްވި ފޯމިއުލާ އީ ކާރު ރޭސް މުބާރާތާއި އެކުއެވެ. އޭގެ ކުރިން ސައުދި އަކީ ޓޫރިސްޓް ވީސާ ދޫކުރާ ޤައުމެއް ނޫންކަންވެސް މިނިސްޓަރ ފާޙަގަކުރެއްވިއެވެ. އަދި އެ ޤައުމުގައި މިހާތަނަށް 150 އަށް ވުރެ ގިނަ ބައިނަލްއަޤަވާމީ އިވެންޓް ބޭއްވިފައިވާކަމަށާއި އަދި މިއިވެންޓް ތަކަށް ޒިޔާރަތްކުރި ހުރިހާ ފަރާތްތަކެއްވެސް އެނބުރި ގޮސްފައިވަނީ ހިތްހަމަ ޖެހުމާއި އެކުކަމަށްވެސް ސައުދީ ސްޕޯޓްސް މިނިސްޓަރ ވިދާޅުވިއެވެ.
ސައުދީ އަރަބިއާއިން އަންނަނީ މިއަންނަ އަހަރުގެ އޭޝިއަން ކަޕްވެސް އެޤައުމުގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މިއީ ސައުދީގެ ސްޓޭޑިއަމް ތަކުގެ ފެންވަރާއި މިފަދަ މުބާރާތެއް ބޭއްވުމުގެ ގާބިލްކަން އެޤައުމުގައި ހުރިމިންވަރު ބަލާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
އުތުރު އަދި މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ތިން ޤައުމެއްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަމުންދަނީ މުބާރާތުގެ އަގު، ހާއްސަކޮށް ޓިކެޓްގެ އަގު ބޮޑުވުމެވެ. އަދި މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ އެމެރިކާގެ ގާނޫނީ ފަރާތްތަކުންވަނީ ޓިކެޓްގެ އަގު ކުޑަކުރުމަށްވެސް ފީފާ ކައިރިން އެދިފައެވެ.
ނަމަވެސް މިހުރިހާ ކަމަކާއި އެކުވެސް މިފަހަރުގެ މުބާރާތުގައި ޓިކެޓްގެ އަގު ކުޑަވާތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ވީސާގެ ގިނަ މައްސަލަ ތަކެއް ސަޕޯޓަރުންގެ އިތުރުން މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ފީފާއިން އައްޔަން ކޮށްފައިވާ މެޗު އޮފިޝަލުންނަށްވެސް އަންނަނީ ދިމާވަމުންނެވެ.