ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ.
ހިޔާ ފްލެޓުތަކުގައި ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ، ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ.
އެންމެ ފަހުން މަސައްކަތް ނިންމާލި މި ތިން ޓަވަރުގެ ލިފްޓުތައް މިހާރު އަންނަނީ އާންމުން ބޭނުންކުރަމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއްވައެވެ. އަދި މި ލިފްޓްތަކުގެ ސަބަބުން އެ ޓަވަރުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހިޔާގެ 25 ފަންގިފިލާގެ ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލާ ހެދޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަލަށް ހަރުކުރާ ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައިވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް މިލިފްޓްތައް ވާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެޗްޑީސީން ވިދާޅުވީ ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އެ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.