ޚަބަރު

ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފު އައްޔަންކުރަން ރުހުންދީފި


  • މަޖިލީހުގެ 57 މެންބަރުން ވަނީ ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދީފައި

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމްއާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށެވެ. އެ ދެ ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވެސް ދެ ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދެ ބޭފުޅުންނަށް ރުހުން ދޭން ނިންމީ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ޤާބިލު ދެ ބޭފުޅުންކަމަށްވާތީއެވެ. އެހެންވެ، އިތުރު އިންޓަވިއުއަކާ ނުލައި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރިއެވެ.

ޠާރިޤް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް އޭނާ ފުރުއްވާފައިވެއެވެ.

ޤަތަރުގައި ހުންނަވާ ސަފީރުކަމަށް ރުހުން ދިން އާދަމް ޝަރީފް އުމަރަކީ، މި ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީވެސް ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.

މަޖިލީހުން ދެ ބޭފުޅުންނަށް ރުހުން ދީފައިވަނީ 57 މެންބަރުންގެ ވޯޓުންނެވެ.