ޚަބަރު

16 އަހަރަށްފަހު ކޮލިފައިވުމަކީ ޕެރަގުއައީއަށް ބޮޑު ކާމިޔާބެއް: އަލްފާރޯ


  • ޕެރަގުއާއީ މުބާރާތަށް ކޮލިފައިވުންވެސް އެއީ ކާމިޔާބީއެއް

16 އަހަރަށް ފަހު ފީފާ ވާރލްޑް ކަޕުން ޖާގަހޯދާ އޭނާގެ ކުޅުންތެރިން މިހާރުވެސް ހާއްސަކަމެއް ހާސިލްކޮށްފައިވާ ކަމަށް ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ޑީގައި މުބާރާތް ބާއްވާ އެއްޤައުމު ކަމަށްވާ އެމެރިކާ އާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އަލްފާރޯ ބުނީ އޭނާގެ ކުޅުންތެރިން މިފަހަރުގެ ވާރލްޑް ކަޕަށް ކޮލިފައިވެ ހާއްސަ ކަމެއް ހާސިލްކުރެވިފާވީ ނަމަވެސް ޕެރަގުއާއީ މިމުބާރާތަށް މިއައީ އެކަން ފާހަގަ ކުރަން ނޫން ކަމަށާއި އޭގެ ބަދަލުގައި ވާދަކޮށް ކާމިޔާބީ ހޯދަން ކަމަށެވެ.

މާދަމާ ރާއްޖޭ ގަޑިން ހެނދުނު ހައެއް ޖަހާއިރު އެމެރިކާ އާއި ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ 2010 ވަނަ އަހަރަށް ފަހު ފީފާ ވާރލްޑް ކަޕް މުބާރާތެއްގައި ޕެރަގުއާއީއިން ވާދަކުރާ ފުރަތަމަ މެޗަށެވެ. އަލްފާރޯ ހާމަކުރިގޮތުގައި ވާރލްޑް ކަޕްގައި ޕެރަގުއާއީގެ ޤައުމީ ޓީމު ކުޅޭތަން ދެކެލުމަށް އެޤައުމުގެ ރައްޔިތުން ކެތްމަދުވެފައިވާ މިންވަރު އޭނާއަށް އިހްސާސް ކުރެވޭ ކަމަށެވެ. އަދި އޭނާގެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ ވަރަށް އުނދަގޫ ރާސްތާއެއް ކަޑައްތު ކުރުމަށްފަހުގައިކަމަށްވެސް އަލްފާރޯ ފާހަގަ ކުރިއެވެ.

އަލްފާރޯ ހާމަކުރިގޮތުގައި ނިކަރާގުއާ އާއި ދެކޮޅަށް ކުޅުނު ރަހްމަތްތެރި ކަމުގެ މެޗުގައި އަނިޔާވި ފޯވަޑް ހޫލިއޯ އެންސީކޯ މިހާރު އަންނަނީ އަނިޔާއިން ރަނގަޅު ވަމުން ކަމަށާއި އަދި އޭނާގެ ފިޓްނަސް އެންމެ ފަހު ވަގުތާއި ޖެހެންދެން ބަލާނެކަމަށެވެ.

16 އަހަރަށް ފަހު ވާރލްޑް ކަޕުން ޖާގަހޯދި ކުޅުންތެރިންނަށް މިއީ ވަރަށް ހާއްސަ މުބާރާތެއް ކަން ފާހަގަ ކުރަމުން އޭނާވަނީ އެކުޅުންތެރިންގެ ބޮލުގައި އެޤައުމުގެ ރައްޔިތުން ކުރަމުންދާ އުންމީދު ތަކުގެ ސަބަބުން ބޮޑު ޒިންމާއެއް އެޅިފައިވާކަންވެސް ފާހަގަކޮށްފައެވެ.

އޭނާ މިކަން ފާހަގަކުރީ ނޫސްވެރިންގެ މިބައްދަލުވުމުގައި ޕެރަގުއާއީ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނައުމާއި ގުޅޭގޮތުން އެޓީމުގެ މެދުތެރެއަށް ކުޅޭ ޑިއޭގޯ ގޯމޭޒް ވާހަކަ ދެއްކިއިރު އޭނާ ފެންކަޅިވުމުންނެވެ. ޕެރަގުއާއީއިން އެންމެ ފަހުން ވާރލްޑް ކަޕްގައި ކުޅުނު އިރު ގޯމޭޒްއަކީ 7 އަހަރުގެ ކުޑަކުންޖެކެވެ.

އަލްފާރޯބުނީ 2010 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ޕެރަގުއާއީ ޓީމަށް އޭނާގެ ކުޅުންތެރިން ޝަރަފު އަދާކުރާނީ މިފަހަރުގެ މުބާރާތުގައި ދައްކާ ކުޅުމުންކަމަށެވެ.

އެެމެރިކާ މެޗަށް ތައްޔާރުވުމުގެ ގޮތުގައި ޕެރަގުއާއީގެ ޓީމުވަނީ އެންމެ ފަހުގެ ފަރިތަކުރުންތައް ބުރާސްފަތި ދުވަހުގެރޭ ކެލިފޯނިއާގެ ސެން ހޯޒޭ ސްޓޭޓް ޔުނިވަރސިޓީގައި ބައްވާފައެވެ.

މިމެޗަށް ޕެރަގުއާއީއިން އަންޑަރޑޯގްސްގެ ގޮތުގައި ކުރިމަތިލީނަމަވެސް އެޓީމުން މިމެޗުގައި ބޮޑަށް ބަލާނީ އެޓީމަށް ލިބިފައިވާ ރޭވުންތެރިކަމާއެކު ވަރުގަދައަށް ޑިފެންސް ކުރުމުގެ ގާބިލްކަމުގެ މައްޗަށް ޓީމު ބިނާކޮށް އެމެރިކާގެ ފޯވަޑް ލައިން މައިތިރިކޮށް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރާ ހަމަލާ އުފެއްދުމަށެވެ.

އެމެރިކާއަކީ ގްރޫޕް ޑީގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ދުނިޔޭގެ ރޭންކިންގއަށް ބަލާލާއިރު އެންމެ މަތީގައި އުޅޭ ޤައުމެވެ. އެއީ 17 ވަނަ އެވެ. އަދި ޕެރަގުއާއީ އުޅެނީ 41 ވަނައިގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ތުރުކީޔޭއެވެ.

އެމެރިކާ އާއި ޕެރަގުއާއީ އެންމެ ފަހުން ވާދަކުރި ތިން މެޗުވެސް އެމެރިކާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މިގޮތުން އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބައްދަލުކުރި މެޗު އެމެރިކާއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ. މިދެޓީމުވަނީ 1930 ވަނަ އަހަރު ބޭއްވި ފީފާ ވާރލްޑް ކަޕްގެ ފުރަތަމަ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އެމެޗުވެސް ކާމިޔާބު ކޮށްފައިވަނީ އެމެރިކާއެވެ.