ޚަބަރު

އެފޯޑަބަލް ހައުސިންގ ޔުނިޓްގެ އިތުރު މަޝްރޫޢެއް


  • އަމާޒަކީ 4000 ހައުސިން ޔުނިޓް މި ސަރަހައްދުގައި ޤާއިމްކުރުން

  • ބިން ލިބޭ މިންވަރަކުން މި ސަރަހައްދުގައި އިތުރު މަޝްރޫޢުތައް ހިންގޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" މެދުވެރިކޮށް، އަގުހެޔޮ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މުހިންމު މަޝްރޫޢުތަކެއް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން މާލެ އާއި ވިލިމާލޭގައި ޖުމްލަ 3,260 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މީގެއިތުރުން ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާތަކުން އެ ކުންފުނީގެ މާލީ ގާބިލުކަން ހުރި މިންވަރަށް ބަލައި، އިތުރު މަޝްރޫޢެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމުން، އެކަމަށް ބޭނުންވާ އިތުރު ބިންތައް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

"މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. އަޅުގަނޑުމެންނަށް އިތުރުރަށް ފާހަގަވިކަމަކީ ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާގައި ފައިނޭންޝަލް ކެޕޭސިޓީ ހުރި މިންވަރަށް ބަލާފައި އިތުރު ހައުސިނގ މަޝްރޫޢެއް ހިންގިދާނެތީ އިތުރު ބިންތަކެއް ބީއެމްއެލް އާއި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން" ނާޒިމް ވިދާޅުވިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ ބީއެމްއެލްއާ ހަވާލުކޮށްގެން މިކުރާ މަސައްކަތުގެ ޖުމްލަ އަމާޒަކީ 4000 ހައުސިން ޔުނިޓް މި ސަރަހައްދުގައި ޤާއިމްކުރުންކަމަށެވެ. މީގެ އިތުރުން، ގުޅީފަޅުގައި ކުރިއަށްދާ މަޝްރޫޢުތަކާއި، ބިން ލިބޭ މިންވަރަކުން މި ސަރަހައްދުގައި ހިންގާނެ އިތުރު މަޝްރޫޢުތަކަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ. އަދި ރަށްރަށުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް މި ދައުރުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް އެތަންތަނަށް ވަދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މިއީ ސަރުކާރަކުން މަޝްރޫޢެއް ފަށައި، އެއް ދައުރެއްގެ ތެރޭގައި މަސައްކަތް ނިންމައި ރައްޔިތުން އާބާދުކުރުވުމަށް މިހާ ބޮޑު އިސްކަމެއްދޭ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ސިޔާސަތުތައް އެކަށައެޅުމާއި، ތަންފީޒީ މަރުހަލާގައި މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ މަސައްކަތުގެ ނަތީޖާކަންވެސް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނާޒިމް މުހައްމަދު ފާހަގަކުރެއްވިއެވެ.