ތުރުކީވިލާތާއެކު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްްފިއެވެ.
މިމަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ތުރުކީވިލާތުގައި ކުރިއަށްދާ ޒީރޯ ވޭސްޓް ފޯރަމުގެ ހަވާސާގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ތުރުކީގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމަކްލީ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
Minister @Shiyamaldives , paid a courtesy call to Türkiye’s Minister of Agriculture and Forestry H.E İbrahim Yumaklı to discuss strengthening cooperation between the Maldives and Türkiye in the fields of agriculture and fisheries. During the meeting, Minister conveyed his sincere… pic.twitter.com/aIl33Gk7I3
— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 7, 2026
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ތުރުކީވިލާތުގެ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކޮށްފައިވާ ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފް ކުރާ، ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް، (ޕީޓީއޭ) އަދި ފަހުމުނާމާގެ ދަށުން ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ކަންކަން ތަންފީޒުކުރުން އަވަސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި އެއްބަސްވުންތަކުގެ ދަށުން ވެފައިވާ އިލްތިޒާމްތަކަކީ ދެ ޤައުމަށްވެސް އޭގެ ލުއިފަސޭހައާއި ފައިދާ ލިބޭނެ ފަދަ ޢަމަލީ މަސައްކަތްތަކަކަށް ހަދަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީއާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެހީތެރިކަން ފުޅާކުރުމަށް ދެ ޤައުމުންވެސް ތައްޔާރަށް އޮތްކަން ފާހަގަކުރައްވަމުންނެވެ.
ވަޒީރު ޝިޔާމް ތުރުކީ ވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ، މި ހިނގާ ޖޫން މަހުގެ 5 އިން 7 އަށް ތުރުކީ ވިލާތުގައި ކުރިއަށްދާ ޒީރޯ ވޭސްޓް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.