ޚަބަރު

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ


  • ޙައްޖުވެރިން އައިސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި

  • ވީއައިއޭގައި ފްލައިޓު ޖެއްސީ 16:40ގައި

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.

ޙައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ. ދަތުރުގެ ފަސޭހަ އިންތިޒާމްތަކެއް މޯލްޑިވިއަންގެ ފްލައިޓްގައި އައި ޙާޖީންނަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙާޖީން އެއަރޕޯޓަށް ދިޔައިރު، ލަގެޖްތައް ވަނީ ޕްރީ ޗެކިން ކޮށްފައެވެ. އަދި ބޯޑިން ޕާސްވެސް ކުރިއާލާ ހަވާލުކޮށްފައިވެއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ. ހޯމަ އަދި އަންގާރަ ދުވަހު ފަހު ފްލައިޓު އޮންނާނެއެވެ.

ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް އައިސް، ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު ވަނީ ހޮޓަލަށް ގޮސްފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.