ޢީދުގެ އުފާ ފާޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ޢީދުގެ ޚުޠުބާގައި ގޮވާލައްވައިފިއެވެ.
މިއަހަރުގެ ޢަޟްޙާ ޢީދުގެ ޚުޠުބާގެ މަޢޫޟޫޢު އަކީ ޢީދުގެ އަދަބުތަކެވެ. ޢަޟްޙާ ޢީދު ޚުޠުބާގައި ޢީދު ދުވަހުގެ މާތް ކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައި މުސްލިމުންނަށް މާތް ﷲ މިދުވަހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހަނދުމަކޮށްދީފައިވެއެވެ. ޢަދި ޢިބްރާހީމް އަލައިހިއްސަލާމް މާތްﷲ ކުއްތަންވެވަޑައިގަތުމާއި އުޟުހިޔާ ކަތިލުން އިސްލާމީ ޝަރިޢާތުގައި ލައްވާފައިވާ ސަބަބު ހާމަކޮށްދެއްވިއެވެ.
ޢީދު ދުވަހަކީ މުޅި އަހަރު ތެރޭގައިވެސް އަންނާނެ އެންމެ މާތް ދުވަސް ކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ރަސޫލާގެ ޚަދީސްފުޅުން މިކަމުގެ ދަލީލް ދައްކަވާ ޢީދު ފާހާގަކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން ވަނީ ހަނދުމަކޮށްދެއްވާފައެވެ. ޢީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއްކަން ހަނދުމަކޮށްދެއްވާ ޚުޠުބާގައި ވިދާޅުވީ ޢީދު ފާހަގަކުރުމުގެ ނަމުގައި ނޭދެވޭ ޢަމަލުތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ.
ޢިދުގެ ކުޅިވަރުތަކުގެ ތެރެއިން މީހުންނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަން ވަނީ ޚުތުބާގައި ފާހަގަކުރައްވާފައެވެ.
"އަދި ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރާށެވެ! ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ. " ޢީދު ޚުޠުބާގައި ވިދާޅުވިއެވެ.
މި ދުވަހުގެ އުފަލުގައި މުސްލިމު ހުރިހާ އަޚުންނާއި އުޚުތުން ބައިވެރިކުރުމަށް ޚުޠުބާގައި ގޮވާލައްވާފައިވެއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޢީދުގެ އުފަލުގައި ބައިވެރިނުވެވި ނިކަމެތިހާލުގައާއި، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ތިބިކަން ހަނދުމަކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މިއަދު ޢީދު ފާހަގަކުރާއިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ޢީދުގެ ޖަމާޢަތަށް އެއްވެ ތިބި ފަރާތްތަކާއި މައްކާގައި ޙައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށް ތިބި މުސްލިމުން ޖަމަޢާތްތަކުގެ މަތިން ހަނދުމަކޮށް، މާތް ﷲގެ ދަރުބާރަށް މީސްތަކުން ޤިޔާމަތް ދުވަހު އެއްކުރައްވާނެކަން ހަނދުމަކުރުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ޖަމާޢަތުން ފައިބާއިރު އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމަށް ވަނި ގޮވާލާފައެވެ.