ގެއްލުނު ފަތުރުވެރިން ހޯދަމުންދަނިކޮށް ސިފައިންގެ ބޭކަލަކު ނިޔާވުމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ނިޔާވުމާ ގުޅިގެން އެކި ފަރާތްތަކުން ދަނީ، ހިތާމަ ފާޅުކޮށް އާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނަށް ހިތްދަތިވެ، ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަނީ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) May 16, 2026
ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އަޅުގަނޑަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް. މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް.
މަރުޙޫމްގެ… pic.twitter.com/G5U1lDmbeV
މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށާއި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި، މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ނައިިބު ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) May 16, 2026
ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު… https://t.co/l8nk1fzHyz
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އެއްސެވީ ނުހަނު ހިތާމައާއެކުގައި ކަމަށެވެ. އަދި ދިވެހި ޤައުމުގެ ހައްޤުގައި، މި ދައުލަތުގެ ޝަރަފުގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަގުހުރި ސިފައިންގެ ބޭކަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Abdul Raheem Abdulla (@Banafsaa) May 16, 2026
ވ އަތޮޅު އަލިމަތާ ކައިރީގައި ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީވިލާތުގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް… pic.twitter.com/PgYNbzgeMZ
އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ ސާރޗް އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެގެން އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ. ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.
މި ޙާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ޙާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓާފައެވެ.