މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގުގެ މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދު ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ %66 މަސައްކަތް ނިންމާލައިފިއެވެ. މިއީ ޖުމްލަ 347 މީޓަރުގެ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މި ސަރަޙައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ.
އެމްޓީސީސީއިން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދާ ސަރަޙައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތުގެ %66 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިއީ ޖުމްލަ 347 މީޓަރުގެ ސަރަހައްދެކެވެ. ސެގްމެންޓް 2،3 އަދި 4ގައި ޖުމްލަ 522 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކުރުމަށް ހަމަޖެހިފައިވެއެވެ.
މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަ ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމާއި، ފެން ހިންދާ ކެޗްޕިޓްތަކާއި ވަޅުތައް ހެދުމުގެ އިތުރުން، އެންކަރ ބްލޮކްތަކާއި، ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މިހާރު ތާރު އެޅުމަށް ތައްޔާރުކޮށްފައިވާ ސެގްމެންޓު 5ގައި ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
މަގު ތަރައްޤީކުރަމުން އަންނަ ސަރަހަޙަދުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ ހުރިހާ ސެގްމަންޓެއް އެކީގައެވެ. އެމްޓީސީސީން ވިދާޅުވީ، ޖޫންމަހު ތާރުއެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މަގުގެ ފަރުމާއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ މަގު ތަރައްޤީ ކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ.
ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅައި ޚިދުމަތްދޭ ސަރަޙައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.
ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.