ރާއްޖެއަށް ބިދޭސީން އެތެރކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ކުރިއެކޭ އެއްގޮތަށް އެޖެންސީތައް އުފައްދުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރުވަނީ ރާއްޖޭގައި ބިދޭސީން އެތެރެކުރުމަށް ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަލަށް އަލިއަޅުއްވާލައްވާފައެވެ.
އެޖެންސީތައް މެދުވެރިވެގެން ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ މަސައްކަތް ކުރިން ކުރަމުންދިޔަނަމަވެސް 2005 ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރާއި ދެމެދު، އެޖެންސީތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައިވާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އެއާއެކު ބިދޭސީން އެތެރެކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ފުރުޞަތު ފަހިވުމާއި، ބިދޭސީން މެދުވެރިވެގެން، ބިދޭސީން ގެނައުމުގެ ފުރުޞަތު އޮތުމުން، ޤަވާއިދުތަކުގައި ހުރި ބާގަނޑުތަކުން ނާޖައިޒް މަންފާ ނަގަމުންދިޔަކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބިދޭސީއަކު ރާއްޖެއަށް ގެނައުމަށް 3000 ޑޮލަރާއި 15000 ޑޮލަރާއި ދެމެދުގެ ޢަދަދުތަކުން ބިދޭސީއަތުން ފައިސާ ނަގައިގެން ރާއްޖެއަށް މީހުން ގެންނަމުންދާކަން ފާހަގަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާ ނުރައްކާތެރިކޮށް ހިނގަމުން އައި އަދި އެބިއުސްކުރަމުންއައީ. އަޅުގަނޑުމެނަށް ޤަބޫލުކުރެވެނީ މިދެންނެވި މިންގަނޑުތައް ރާއްޖޭގައިވެސް ޤައިމުކުރެވެންޖެހޭނެޔޭ.އެއްކަމަކީ އޭޖެންޓުން މެދުވެރިކޮށްފިޔަވާ މީހުން ގެނައުމުގެ ބައި ޖެހޭނެ އެއްކޮށް ހުއްޓެން ވަކި ހިސާބަކުން. އަޅުގަނޑުމެން މަޑުމަޑުން ވިޔަފާރިވެރިންނާއެކު ވާހަކަދައްކަމުން އެބޭފުޅުންނަށްވެސް ޤަބޫލުކުރެވޭ މިންގަނޑަކުން މިކަންކުރާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލާއިރު، ރާއްޖެ އެތެރެކުރާ ބިދޭސީ މީހާއަތުން ރެކްރޫޓްމަންޓް ފީގެ ގޮތުގައި ނެގޭނީ، އޭނާއަށް ރާއްޖޭގައި މަސައްކަތްކުރުމުން ދޭނެކަމަށް ކަނޑައަޅާ މަހު މުސާރައަށްވާ އެއްމަހުގެ މުސާރައަށްވާ ފައިސާކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ހައްލެއް ބިދޭސީންގެ މައްސަލައަށް ގެނައުމަށް އެމީހުން އެތެރެކުރާނެ އޭޖެންސީތައް ޤާއިމުކޮށް، އެފަރާތްތައް އޯޑިޓްކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ޤާނޫނުގައި ކަނޑައަޅައި ބަޔާންކުރަންޖެހޭގޮތަށް ނިޒާމު ބަދަލުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަން ނިމޭހިސާބުން، އޭޖެންސީތައް މެދުވެރިކޮށް ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ. މިއާއެކު ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތައް ޒިންމާދާރުކުރެވޭނެކަމަށާއި ގަވާއިދާ ޚިލާފުވުމުގެ ފުރުސަތު ހަނިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ބޮޑު އޮޕަރޭޝަނެއް ފައްޓަވާ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ގަވާއިދާ ފައްތާ އަދި އެފުރުސަތުގެ ބޭނުން ނުހިފާ ގަވާއިދާ ޚިލާފުވަމުންދާ ފަރާތްތައް ޑީޕޯޓުކުރަން ފަށާފައެވެ.