1447 ވަނަ އަހަރުގެ ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
މިދިޔަ އަހަރުން ފެށިގެން ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތައް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންވަނީ ފަށާފައެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސްބޭފުޅެއްކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާފައިވާކަމަށެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
ރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައެވެ.
ޚާއްސަ ހުއްދައެއްގެ ދަށުން މި ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދެއްވުމަކީ، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ގުޅުމާއި ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތްކަން ފާހަގަވާ ކަމަކެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއާއި ވަލީއަޙްދު މުހައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައެވެ.
މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ކަންކަމުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށާއި އެމްބަސީގެ މުވައްޒަފުންނަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ، 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި، އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މިއީ، ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.
މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ޙައްޖު މިޝަންއާއި ޙައްޖުކޯޕަރޭޝަންގެ އެޑްވާންސް ޓީމް މިހާރު އަންނަނީ ސަޢުދީޢަރަބިއްޔާގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމްތަކުން ވަނީ ޙައްޖުވެރިން ހޮޓަލުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތަކާއި މިނާއާ ޢަރަފާތުގައިވެސް ދިވެހި ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާ އެކަންކަން ގާތުން ބަލަމުންނެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަން ފަށާނެއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 4 ފްލައިޓް ބާއްވައެވެ. މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، %50 މީހުން ސަޢުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި %50 މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.