ޚަބަރު

ހަތަރު އަތޮޅެއްގައި އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރަނީ


  • 5.8 މެގަވޮޓްގެ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމުކުރެވޭނެ

  • މިހާރު ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަކީ 110 މެގަވޮޓް

ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ 23 ރަށެއްގައި އަވިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކަރަންޓު އުފެއްދުމަށް ތެލަށްކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. އަތޮޅުތަކުގެ އެކި ރަށްރަށުގައި މިހާރުވެސް އެކި މަރުޙަލާގައި އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކ، އއ، އދ އަދި ވ އަތޮޅުގައި މީހުން ދިރިއުޅޭ 23 ރަށެއްގައި އިރުގެ އަވިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ޖުމްލަ 5.8 މެގަވޮޓްގެ ހަކަތަ މި 4 އަތޮޅުގައި ޤާއިމުކުރާ ސިސްޓަމްތަކުން އުފައްދާނެއެވެ. ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހިނގާ މެއި މަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތް ނިމި، ސިސްޓަމްތައް ޤާއިމުކުރުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ ގެނެވިފައިވާކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ އަވިން ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްވެސް މުހިއްމު މަޝްރޫޢުތަކެއް ޕްލޭންކުރެވިފައިވާކަމަށެވެ. އެގޮތުން 18 ރަށެއްގައި 40.3 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ޑިޒައިން މަރުޙަލާގައި ކުރިއަށްދާއިރު، އިތުރު 20 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓަރި އެނަރޖީ ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ޑިޒައިން މަރުޙަލާގައި ކުރިއަށްދާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިން އުފައްދާ ހަކަތައިގެ ކެޕޭސިޓީ މިހާރުވަނީ 110 މެގަވޮޓަށް އިތުރުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މިޢަދަދު ދެގުނަކޮށް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި 220 މެގަވޮޓަށް ރާއްޖޭގައި އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށެވެ. ހަމައެއާއެކު އިޔާދަކުރަނިވި ހަކަތަ ރައްކާކުރާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށާއި ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށެވެ. ހަމައެއާއެކު ހަކަތަ އުފެއްދުމަށް ކުރާ ޚަރަދުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އޮންނަ މާލީ ބުރަ ކުޑަކޮށް، އޭގެއިން ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު މަދުވެގެން 200 މެގަވޮޓަށް އަރަންޖެހޭނެކަމަށް ސަރުކާރުންވަނީ މީގެކުރިން އަންދާޒާކުރައްވާފައެވެ. މިމަގަށް ވާސިލުވުމަށް ސަރުކާރުންވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯންގައި 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢެއްވެސްވަނީ ފަށްޓަވާފައެވެ.