ޚަބަރު

"މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލުތައް ގެނެސްދޭނަން"


  • ވަޒީރު ވިދާޅުވީ ރާއްޖެއިން ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބީ މަސައްކަތްތެރިންކަމަށް

  • މަސައްކަތްތެރިންގެ ޙައްޤުތަކާއި ގުޅުންހުރި ޤާނޫނުތައް ފުރިހަމަގޮތުގައި ތަންފީޒުކުރާނެކަން ފާހަގަކުރެއްވި

ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ފުނި ޖެހިފައި ހުރި ހުރިހާ ޝަކުވާއަކާއި މައްސަލަތަކެއް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލުތަކެއް ގެނެސްދެއްވާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގައި އެވުޒާރާއިން އިސްނަގާ ކުރިއަށްގެންދިޔަ ހިނގާލުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އެކި މުއައްސަސާތަކާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި ހިނގާލުމުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީގެކުރިން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދިޔައީ މަސައްކަތްތެރިންނާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވޭ ދުވަހެއްގެ ގޮތުގައިކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންނާއެކު ޙައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ. އެގޮތުން ސަރުކާރު ހަވާލުވީއިރުވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ފުނިޖެހިފައިވާކަމަށެވެ. އަދި އެމައްސަލަތައް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލެއް ގެނެސްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރު ހަވާލުވީއިރުވެސް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފަ ހުރި ބައިވަރު މައްސަލަތައް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތައް އެބަހުރި. އެމައްސަލަތައް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ގެނެސްދޭނަން. އަމާން ރައްކާތެރި އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤައިމުކުރެވިފައިވަކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒު." ވަޒީރު ވިދާޅުވިއެވެ.

މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ގިނަކަންކަން އަތުން ދޫވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަހަރު ވެގެންދާނީ މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވޭ އަހަރެއްގެ ގޮތުގައިކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ޤާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ވެގެންދާ އަހަރަށް މިއަހަރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިޤްތިޞާދުގެ މައި ބަދަކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހޯދި ކޮންމެ ކަމިޔާބީއެއްގެ ފަހަތުގައި ތިބީ މަސައްކަތްތެރިންކަމަށް ވަޒީރު ވިދާޅުވިއެވެ.