ޚަބަރު

އެމެރިކާއިން އީރާނުގެ އުޅަނދުތައް ހުއްޓުވައިގެން ތިބެވޭނީ ކިހާ ދުވަހަކު؟


މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ސަބަބެއް ނެތި އީރާނަށް ހަމަލާ ދިނުމާއެކު އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ހުރަސްއަޅަން ފަށައިފައެވެ. އަދި އެެމެރިކާއާއި ޔަހޫދީންގެ މަސްލަޙަތު އޮތް ޤައުމުތަކަށް ޙަަމަލާ ދީފައެވެ. އޭގެ ދެ މަހަަށް ފަހު ހަނގުރާމަ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަވުމެއް އެމެރިކާއާއި އީރާނާ ދެމެދު ވަނީ ޤައިމްކޮށްއެވެ. ނަމަވެސް ހިނގަމުންދާ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޤައުމުގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތަކުން އުޅަނދުތައް ލަފާފުރުމަށް ހުރަސް އަޅާނެ ކަމަށެް ވިދާޅުވެފައެވެ. އެމެރިކާއިން އެ ގޮތަށް ޢަމަލުކުރަން ފެށުމާއެކު އީރާނުން މުދާ ބޭރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އަދި އީރާނަށް ކޮންމެހެން މުހިންމު އިމްޕޯޓު މުދާ ވެސް ވަނީ އެތެރެނުކުރެވިފައެވެ. މަސްރަހު ދިރާސާކުރާ މާހިރުން ޤަބޫލުކުރާ ގޮތުގައި އަސްކަރީ ފިޔަވަޅަށް ވުރެ އީރާނަށް ނުރައްކާ ބޮޑީ މި ފަދަ އިޤްތިޞާދީ ފިއްތުންތަކެވެ.

އެމެރިކާއިން އުޅަނދުތަކަށް ހުރަސްއެޅުމުން އީރާނަށް ލިބޭ ގެއްލުމަކީ ކޮބާ؟

އީރާނުގެ ބަނދަރުތަކުން އުޅަނދުތައް ލަފާ ފުރުމަށް އެމެރިކާއިން ހުރަސްއެޅުމުގެ ސަބަބުން އީރާނަށް ވަނީ ތެލާއި ގޭހާއި އެހެނިހެން މުދާ ބޭރު ކުރުމަށް ދަތިވެފައެވެ. ހަމައެއާއެކު އީރާނުން އެތެރެކުރާ އިމްޕޯޓު މުދާ ވެސް ނުގެނެވެއެވެ. މީގެ ކުރިން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ހުރަސްއަޅާފައި އޮތް ދުވަސްވަރު ވެސް އީރަނުން ދިޔައީ ތެޔޮ އެކްސްޕޯޓު ކުރަމުންނެވެ. އެހެންކަމުން އެމެރިކާއިން އީރާނުގެ އުޅަނދުތަކަށް ހުރަސްއަޅާތީ އީރާނަށް ފައިސާ ލިބޭނެ މަގުތައް މިހާރު ބަންދުވެ، ވިޔަފާރީގެ އިޤްތިޞާދީ ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ.

އީރާނުން އަދި ވެސް ދަނީ ތެޔޮ އެކްސްޕޯޓު ކުރަމުންމެވެ. ފާއިތުވި މަހުގެ ތެރޭގައި ވެސް 4.97 ބިލިޔަން އެމެރިކާ ޑޮލަރު ތެލުގެ ވިޔަފާރިން އެ ޤައުމަށް ލިބިފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުގެ މަޤްޞަދަކީ މި ގޮތަށް އީރާނަށް ލިބޭ ފައިސާ މަދުކުރުން ނުވަތަ އެއްކޮށް ހުއްޓުވައިލުމެވެ. ވިޔަފާރިއަށް ކުރާ އަސަރު ދިގުދެމިގެންދާ ނަމަ އީރާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވާނެއެވެ.

އެމެރިކާއަށް އީރާނުގެ ބޯޓުފަހަރު ހުއްޓުވޭނީ ކިހާ ދުވަހެއް ވަންދެން؟

ތަޖުރިބާކާރުން ވިދާޅުވީ އީރާނުގެ އުޅަނދުފަހަރަށް ދިގު މުއްދަތަކަށް ކަނޑުމަތިން ހުރަސްްއެޅުމަކީ އެމެރިކާއަށް ފަސޭހަ ކަމަށް ނުވެދާނެ ކަމަށެވެ. ސިޔާސީ ގޮތުން ބެލި ނަމަވެސް އަދި ލޮޖިސްޓިކުގެ ގޮތުން ބެލި ނަމަވެސް މިއީ ދިގު މުއްދަތަށް ދެމެހެއްޓޭނެ ކަމެއް ކަމަށް މާހިރުން ޤަބޫލެއް ނުކުރެއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ޙުއްދަ ނުހޯދާ ޤަނޫނީ ގޮތުން އެ ކަން ކުރެވޭނީ ކިހާ ދުވަހަކަށް ކަމާ މެދު ވެސް ސުވާލު އުފެދެެއެވެ. ހަމައެއާއެކު އެ ކަމަށް ހިންގާ ޚަރަދާއި ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން ވެސް މިއީ ދިގު މުއްދަތަށް ކުރެވޭނެ ކަމެއް ކަމާމެދު ޝައްކު އުފެދެއެވެ. އީރާނުން ވެސް މި ފިޔަވަޅުތަކާ ގުޅިގެން ޢަމަލުކުރަން ނިންމާފައިވާ ގޮތަކީ ދަތިތަކަށް ކެތްތެރިވުން ކަމަށް ބެލެވެއެވެ. ކަން މިހެން ހިނގާނެ ކަމަށް އީރާނުން ކޮންމެވެސް މިންވަރަކަށް ތައްޔާރުވެފައިވާ ކަމަށް ވެސް ބެލެވެއެވެ. ޓްރަމްޕްގެ ކެތްތެރިކަން ހުންނާނީ ކިހާ މިންވަރަކަށް ކަމެއް ބުނަން ދަތިއިރު، ފުރަތަމަ ދޫދޭނީ ދެ ފަރާތުން ކުރެ ކޮން ފަރާތަކުން ކަމެއް ބުނަން ދައްޗެވެ.

އެކްސްޕޯޓު ނުކުރެވޭ ތެޔޮ ރައްކާކުރެވޭނެ ގޮތްތައް އީރާނުގައި އެބަހުރިތަ؟

އީރާނުގައި ތެޔޮ ރައްކާކުރުމާއި ތެޔޮ އުފެއްދޭނެ ޤާބިލުކަން އެ ޤައުމުގެ ކިބައިގައި އެބަހުއްޓެވެ. ނަމަވެސް މިހާރު އިތް ޙާލަތު ދިގުދެމިގެންދާ ތެޔޮ ރައްކާކުރާ މަރުކަޒުތައް ފުރި، ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ވަކި ހިސާބަކުން މަޖުބޫރުވާނެ ކަމަށް މާހިރުން ދެކެއެވެ. އީރާނުން މި ވަގުތު ވެސް ކުރިން ބޭނުންކޮށްފައިވާ ބާ ތެޔޮ ޓޭންކަރުތައް ތެޔޮ ރައެްކާކުރުމަށް ބޭނުން ކުރަމުންދާ ކަމަށް އެނގިފައިވެއެވެ.

ތެލުގެ ވިޔަފާރިން އީރާނަށް އަދިވެސް އާމްދަނީ ލިބެމުން ދާނެތަ؟

އީރާނަށް އަދިވެސް ތެލުގެ ވިޔަފާރިން އާމްދަނީ ލިބޭނެއެވެ. ސަަބަބަކީ އީރާނުން ކަނޑުމަތީގައި ތެޔޮ ރައްކާކޮށްފައި ހުންނަ ހުރުމެވެ. އެތައް މިލިޔަން ފީފާގެ ތެޔޮ މި ގޮތަށް ރައްކާކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އައު ތެޔޮ އެކްސްޕޯޓު ނުކުރެވުނަސް ކަނޑުމަތީގައި ރައްކާކޮށްފައިވާ ތެލުން ކުރިއަށް އޮތް މަސްތަކުގައި އީރާނަށް އާމްދަނީ ލިބޭނެއެވެ. ބައެެއް މާހިރުން ވިދާޅުވީ އޮގަސްޓު މަހާ ހަމައަށް ވެސް މިހާރު ހުރި ތެލުން އާމްދަނީ ލިބޭނެ ކަމަށެވެ. ނަމަވެސް އެ ކަން ބަރޯސާ ބަނީ ހަނގުރާމަ ދެމިގެންދާ ގޮތުގެ މައްޗަށެވެ.

އީރާނަށް ފައިސާ ހޯދޭނެ އިތުރު މަގެއް އެބައޮތްތަ؟

ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުފަހަރުން އީރާނަށް ފައިސާ ދައްކަންޖެހޭ ޓޯލް ނިޒާމެއް މިިދިޔަ މާރިޗު މަހުގެ ތެރޭގައި އެ ޤައުމުން ވަނީ ތަޢާރަފްކޮށްފައެވެ. ބައެއް ރިޕޯޓުތަކުގައި ބުނާ ގޮތުން އެ ކަނޑުއޮޅި ހުރަސްކުރާ ބޯޓުފަހަރުން ދެ މިލިޔަނެއްހާ އެމެރިކާ ޑޮލަރު އީރާނުން ދިޔައީ ނަގަމުންނެވެ. ބައެއް ޤައުމުތަކުން އެހެން ބޭރު ފައިސާ ބޭނުންކޮށްގެން ވެސް ފައިސާ ދައްކައެވެ. އެ ގޮތުން ޗައިނާގެ ޔުއާން ބޭނުންކޮށްގެން ހަނގުރާމަ ފެށުނު ފަހުން ދެ އުޅަނދަކުން އީރާނަށް ފައިސާ ދައްކާފައިވެއެވެ. ނަމަވެސް އެ ދެ އުޅަނދު ދެއްކި ފައިސާގެ ޢަދަދު ސާފެއް ނުވެއެވެ.

އީރާނުގެ ސަރުކާރުގެ ޙާލަކީ ކޮބާ؟

ސަރުކާރުގެ ތެރޭގައި އެތެރޭގެ ބައިބައިވުންތައް ހުރި ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ނަމަ ވެސް، އީރާނުން ބުނަމުން ދަނީ އެ ޤައުމުގެ ސަރުކާރު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއާއި ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފްއާއި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ ސިޔާސީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ޤައުމަށްޓަކައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި، އެއް ރޫޙެއްގައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ އަސްކަރީ ބާރުވެރިކަން ހުރީ ކިހާ މިންވަރަކަށް؟

ޔަހޫދީންނާއި އެމެރިކާއިން ފެބްރުއަރީ މަހުގެ ތެރޭގައި އީރާނަށް ޙަމަލާދޭން ފެށުމާއެކު އެ ޤައުމުން ދަނީ އެ ޤައުމުގެ އަސްކަރީ ވަރުގަދަކަން ދައްކަމުންނެވެ. ހަމައެކަނި ވައިގެ ޙަމަލާތައް ދިނުމުގެ ބަދަލުގައި އެ ޤައުމުން ދަނީ ސައިބަރ އެޓޭކުތައްދީ، އެ ޤައުމަށް ތާއީދުކުރާ ޖަމާޢަތްތަކުގެ ވާގިވެރިކަން ހޯދާފައެވެ. އެ ޤައުމުން އަދިވެސް ދަނީ ހުރްމުޒް ކަނޑުއޮޅި ދިފާޢެުކުރަމުންނެވެ.