ޚަބަރު

އަންނަ މަހުން ފެށިގެން މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރަނީ


  • ކުރިން ޤަވައިދާ އެއްގޮތަށް ތިބިކަމަށް ސިސްޓަމައިން ދެއްކީ %28.97

  • މިހާރު އެ ޢަދަދު %62 އަށް އިތުރުވެފައި

މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑީޕޯޓްކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ތެރެއިން ރާއްޖޭގައި އުޅޭ ބިދޭސީންގެ ފުރިހަމަ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148417 މީހުން ތިބިކަމަށެވެ.

ނަމަވެސް އެމީހުންނަކީ ރާއްޖޭގައި އުޅޭ ނުވަތަ ރާއްޖެއިން ބޭރުގައި ތިބި ބައެއްކަން ޔަޤީން ކުރެވިފައިނުވާކަމަށެވެ. އޭރު ރާއްޖޭގައި ޤަވައިދާ އެއްގޮތަށް ތިބިކަމަށް ސިސްޓަމައިން ދެއްކީ %28.97 މީހުންކަމަށާއި އެއަދަދު މިދިޔަ ދެ އަހަރު ކުރި މަސައްކަތުން އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ދެއަހަރު ކުރި މަސައްކަތުން ފުރިހަމައަށް ފީތައް ދައްކާ އަދި ޑޮކިއުމަންޓްތައް ހަމަކޮށްފައިވާ ބިދޭސީން އަދަދު %62 އަށް އިތުރުވެފައިވަކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަޑަކަށް ދެލައްކަ ހަ ހާސް މީހުންގެ ފިންގަ ޕްރިންޓް ނަގާ ބަޔޯމެޓްރިކްސް މަޢުލޫމާތު ހަމަކޮށްފައިވާކަމަށެވެ.

ރާއްޖޭގައި މިވަގުތު އެ މަޢުލޫމާތުތައް ނުދީ ތިބީ 2933 މީހުންކަމަށާއި އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ފޭސް 3 ގެ މަސައްކަތް ފަށާނެކަމަށާއި އެ ތަާރީޚުން ފެށިގެން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަޢޫލޫމާތު ނުދޭ މީހުން ހޯދާ ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަދި ފީ ނުދައްކާ އުޅޭ ކޮންމެ ބިދެސީއަކުވެސް ވަގުތުން ޑިޕޯޓްކޮށްލެވޭނެކަމަށް. ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނަމުންދާނެ. އެންމެ ފަހުން ވިސާގެ ފީ ދައްކަންޖެހޭ ދުވަސް އިނގޭނެ. އެ ދުވަސްތެރޭގައި ވިސާ ފީތައް ދައްކާ ޤަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަކީ އެދޭކަމެއް." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.