މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތި ކަށަވަރުވުމާމެދު އޮތް ކަންބޮޑުވުންތައް ދަނީ އެއްދުވަހުން އަނެއް ދުވަަހަށް އިތުރުވަމުންނެވެ. ހަމަނުޖެހުންތައް ދިގުލައިގެން ދިޔުމުގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ބޮޑެތި ލޮޅުންތައް ދަނީ އަންނަމުންނެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގައި ގަސްކާނާ ލިބުމަށް ވެސް ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.
ގާތްގަނޑަކަށް ދެ މަސްދުވަހަށް ހަމަނުޖެހުން ދެމިގެންގޮސްފައިވާއިރު، ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ތެލާއި ގަސްކާނާގެ އަގު މިހާުރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް އިޤްތިޞާދީ ދާއިރާގެ މާރިހުން ޤަބޫލުކުރާ ގޮތުގައި ކާބޯތަކެތީގެ އަގުތަކަށް އަންނާނެ ބަދަލުތަކުގެ އަސަރު އަދި އެންމެ ފުރިހަމަ ގޮތުގައި ފެންނަން ފަށާފައެއް ނުވެއެވެ. ތަކެތި އުފެއްދުމަށާއި އެކި ސަރަޙައްދުތަކަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ޚަރަދު އިތުރުވުމުގެ އަސަރު ތަކެތީގެ އަގުން ފެންނަން ފެށުމަށް ވަގުތު ނަގާނެ ކަމަށް މާހިރުން ބުނެއެވެ. މައްސަލައަށް ޙައްލެއް ނުލިބި ދިގުދެމިގެންދާ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް އަދިވެސް އިތުރަށް އުފުލުން އެކަށީގެންވާ ކަމަށް ޤަބޫލުކުރެެވެއެވެ.
މި ވަގުތު އޮތް މައިގަނޑު ކަންބޮޑުވުމަކީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ކަންބޮޑުވުންތަކެވެ. އެ ސަރަޙައްދުގައި އޮތް ހަމަނުޖެހުން ދިގުލައިގެން ދާނަމަ ބައިނަލްްއަޤްވާމީ ވިޔަފާރިއަށް އެ ކަމުގެ ނޭދެވޭ އަސަރުކޮށް، ކާބޯތަކެތީގެ އަގު އަނެއްކާ ވެސް އުފުލިގެންދާނެއެވެ. އެހެންކަމުން ޙާލަތަށް އަންނާނެ ބަދަލު ބަރޯސާ ވަނީ ހަމަނުޖެހުން ދިގުލައިގެން ދާނީ ކިހާ ދުވަހަކަށް ކަމަށް މާހިރުން ވިދާޅުވެއެވެ.
ދުނިޔޭގެ ގޮދަނުގެ ސްޓޮކަށް މި ވަގުތަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ނަމަވެސް ގަސްކާނާއާއި ތަކެތި އުފެލުމުގެ އަގު އުފުލުމުގެ ސަބަބުން ދަނޑުވެރިކަމުގައި ނިންމާ ބައެއް ނިންމުންތައް ނިންމުމުގައި އެ ކަންކަމަށް ދަނީ ރިޢާޔަތްކުރަމުންނެވެ. ގަސްކާނާ ބޭނުންކުރާ މިންވަރު މަދުކުރުމަށް ނުވަތަ އަގުހެޔޮ ބާވަތްތައް ހެއްދުމަށް ދަނޑުވެރިން ނިންމުން އެކަށީގެންވެއެވެ. އޭގެ ސަބަބުން ގޮވާން ކަނޑާ މިންވަރާއި ދިގު ރާސްތާގައި ކާނާ ލިބޭ މިންވަރަށް އަސަރުކުރުން އެކަށީގެންވެއެވެ.
ކާބޯތަކެތި ކަށަވަރުކުރުމާބެހޭ މާހިރުން ވަނީ ފަޤީރު ސަރަޙައްދުތަކަށް ކުރާ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ ގޮތުން އެފްރިކާއާއި އޭޝިޔާގެ ފަޤީރު ސަރަޙައްދުތަކުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. އެ ސަރަޙައްދުތަކުގެ ގިނަ ޤައުމުތަކަކީ ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ ޤައުމުތަކެވެ. އެހެންކަމުން ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުގެ އަސަރު އެ ޤައުމުތަކަށް ކުރާ މިންވަރު އިތުރުވާނެއެވެ. އދގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އިދާރާ، އެފްއޭއޯއިން ވެސް ވަނީ ހަމަނުޖެހުން ދިގުލައިގެންދާ ނަމަ ދުނިޔެއަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ބަނޑުހައިހޫނު ކަމާއި ކާޑުބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެފައެވެ. އެންމެ ބޮޑު ނުރައްކަލެއް އޮތީ އިންޑިޔާއާއި ބަންގްލަދޭޝްއާއި ސްރީ ލަންކާއާއި ސޮމާލިޔާއާއި ސޫދާންއާއި ޓެންޒޭނިޔާއާއި ކެންޔާއާއި މިޞްރު ފަދަ ޤައުމުތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގުރާމް، ޑަބްލިޔުއެފްޕީން މިދިޔަ މަހުގެ ތެރޭަގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި މެދުއިރުމަތީ ހަނގުރާމަ ދިގުލައިގެން ދާނަމަ ކާބޯތަކެތީގެ ދަތިކަން ގާތްގަނޑަކަށް އިތުރު 45 މިލިޔަން މީހުންނަށް ކުރިމަތިވާނެއެވެ.