ޝަރުޢީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަމުގެ ތެރެއިން ޖުޑީޝަލް ކައުންސިލް އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުުޅުގައެވެ. އެގޮތުން، ސަރުކާރުން ގެންގުޅުއްވާ އިސްލާހީ އެޖެންޑާގެ ދަށުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ ބަދަލުކުރުމާ ގުޅިގެން ނުސީދާގޮތުން ނަމަވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެފައިވާ ކަމަށެވެ. އަދި ކުރިން ޤާނޫނު އޮތްގޮތަށް ބަދަލުތައް ގެންނަވައި ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ކައުންސިލެއް ކަމަށާއި މި ކައުންސިލްގައި ފަންނީ ދާއިރާގެ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މި އިސްލާހާއެކު ޑީޖޭއޭއަކީ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ތަނަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެނައި ބަދަލާއެކު މުޅިން އެއްކޮށް ބާރު ބަދަލުވައި މި އޮންނަނީ ޖޭއެސްސީގެ ދަށަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އޮތްގޮތުން ކޯޓުތަކުގައި އެންމެ ބާރުގަދަ ފަރާތަކީ އެޑްމިނިސްޓްރޭޓަރ ކަމަށާއި މީގެ ސަބަބުން ކޯޓުގެ ހިންގުމަށް އަސަރުކުރާނެ ކަމަށެވެ. އެހެންވެ، އެކަމަށްވެސް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން މިގެނައި ބަދަލުތަކުގެ ތެރޭގައި ދަށު ކޯޓުތަކުގައިވެސް އެޑްމިނިސްޓްރޭޓަރ އެންމެ ބާރުގަދަ މީހަކަށް ހުންނަނީ. އިސް ފަނޑިޔާރެއް ނޫން. ތަނުގެ އެންމެ އިސްމީހާއަކީ އޭގެ ދަށުން ހުންނަ މީހާގެ ބާރުގެ ދަށުގައި ހުންނަ މީހަކަށް އޮތުމަކީ ޖުޑީޝަރީގެ ތެރޭގައި އަސްލު ފަންކްޝަނަލިޓީއަށް އަސަރު ކުރާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޤާނޫނުތަކަށް ގެންނަންޖެހޭ މިފަދަ އިސްލާހީ ބަދަލުތައް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމަށާއި ވަކި އިންސައްތައެއް ޒުވާނުންނަށް ޚައްސަކުރުމާ ގުޅުންހުރި އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.