ޚަބަރު

ޓްރަމްޕްގެ ބަލިފަޔަކީ އެމެރިކާގެ އިޤުތިޞާދުގެ ނާޒުކުކަން


އީރާނުގެ ވެރިކަން ބަދަލުކޮށް، އެމެރިކާގެ ސިޔާސަތުތަކަށް ބޯލަނބަން ތެހްރާނަށް މަޖުބޫރުކުރުވުމުގެ މަޤުޞަދުގައި ރައީސް ޑޮނަލްޑްް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހަ ހަފުތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔައިރު، މި ހަނގުރާމައިން ހާމަވެގެން ގޮސްފައި ވަނީ އެމެރިކާގެ އިޤުތިޞާދުގެ ނާޒުކުކަން ކަމަށާއި، ނަތީޖާއަކަށްވީ އެމެރިކާއަށް ވެސް އިޤުތިޞާދީ މުސީބާތަކާ ކުރިމަތިލާން ޖެހުން ކަމުގައި މާހިރުން ބުނެފިއެވެ. ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް އިސްވެ ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28 ގައެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތާއި، ދެއްވަމުން ގެންދަވާ އަހަމިއްޔަތުން ހާމަވެގެން ގޮސްފައި ވަނީ، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކަކީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ނާޒުކުފަޔަށް ވެފައިވާ ކަން ކަމުގައި މާހިރުން ޤަބޫލުކުރެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން އެޕްރީލު 8 ވަނަ ދުވަހު ޓްރަމްޕް ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ވަގުތީ އެއްބަސްވުމެއް ތެހްރާނާ އެކު އެކުލަވައިލައި، ސުލްޙައިގެ މަޝްވަރާތައް ފަށްޓަވާފައެވެ.

އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ޢުދުވާނެއް ފަށާފައި ވަނީ އެމެރިކާއާއި ޔަހޫދީ ދައުލަތަށް ނުރައްކަލެއް އޮތް ކަމުގައި ބުނެއެވެ. ނަމަވެސް، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެމެރިކާގައި ވެސް ތެލާއި، މުދަލާއި ޚިދުމަތުގެ އަގު އުފުލުމުގެ އިތުރުން ޓްރަމްޕްގެ މަޤުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ. މިއާއެކު، ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ އިންތިޚާބު ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި ޤާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ހަނގުރާމައިގެ މިސްރާބު ބަދަލުކުރައްވައި، ކުއްލި ގޮތަކަށް ޚާރިޖީ މަޝްވަރާތައް ފެށްޓެވުމަށް ޓްރަމްޕް ނިންމަވާފައި ވަނީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނެވެ. މަޝްވަރާތަކުގައި އޭނާ މިހާރު ވަކާލާތު ކުރައްވަމުން ގެންދަވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް އަތުލެއްވުމަށެވެ. އޭނާ އެ ގޮތަށް ބޭނުންފުޅުވެ ވަޑައިގެންނެވި ނަމަވެސް، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އަދި ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ކުރަމުންދާ ނުސީދާ މަޝްވަރާތަކުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ކަމުގައެވެ.

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާއަށް އޮތް އިތުބާރު ވެސް ވަނީ ފަނޑުވެފައެވެ. ހަނގުރާމައާ ގުޅިގެން ފާޅުގައި އެމެރިކާއާ ފެޔަށް ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ބާރުތައް ހިމެނެއެވެ. މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕް ކުއްލިއަކަށް ފަހަތަށް ޖެހިވަޑައިގެންނެވުމަކީ، އޭޝިޔާ ސަރަޙައްދަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ބައެއް ޤައުމުތަކުން ޤަބޫލުކުރާ ކަމުގައެވެ. އެއް ސަބަބަކީ، ޗައިނާއިން ތައިވާނަށް އަރައިގަނެފާނެ ކަމުގެ ބިރު އޮތުމެވެ.

ޓްރަމްޕް އިސްވެ ތެހްރާނާ އެކު އެކުލަވައިލައްވާ އެއްބަސްވުމެއްގެ ދަށުން ހުޅަނގު އޭޝިޔާ ސަރަޙައްދަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގައި މާހިރުން ޤަބޫލުކުރެއެވެ. މި ގޮތުން، ތެހްރާނާއެކު ވެވޭ ކޮންމެ އެއްބަސްވުމެއްގެ ދަށުން، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ޤާއިމުކުރެވިގެން ދިޔުމަކީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ޢުމާން ފަދަ ޤައުމުތަކުން އެދޭ ޙައްލެވެ. ޓްރަމްޕްގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތާއި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އަހަރުތަކެއް ހޭދަވާނެ ކަމުގައި މާހިރުން ލަފާކުރާއިރު، ޓްރަމްޕަށް މިހާރު މަޖުބޫރުވެފައިވަނީ އެމެރިކާގެ އަސްކަރީ ޤާބިިލުކަން ދެއްކުމުގެ ބަދަލުގައި އެމެރިކާގެ އިޤުތިޞާދާއި ބާޒާރުތަކަށް ހަމަޖެހުން ގެނައުން ކަމުގައި ވެސް މާހިރުން ދެކެއެވެ.