ޚަބަރު

ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ %30 އިތުރު


  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ

  • މިދިޔަ އަހަރު ލިބިފައިވަނީ 871 މިލިޔަން ރުފިޔާ

އަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %30 އިތުރުވެފައެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 3 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއީ %30 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 435 މިލިޔަން ރުފިޔާއެވެ. މިއީ %29.4 އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބިފައިވަނީ 573 މިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 437 މިލިޔަން ރުފިޔާއެވެ. މިއީ %31.2 އިތުރުއަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މެއި 2017 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.