ޓުއަރިޒަމް

ޓްރެވަލް ޓްރޭޑް ޝޯ އެމްއެމްޕީއާރުސީން އެންޑޯސްކޮށްފި


މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޓްރެވަލް ޓްރޭޑް ޝޯ އެމްއެމްޕީއާރުސީން އެންޑޯސްކޮށް އެ ޙަރަކާތަށް އެއްބާރުލުންދޭން ނިންމައިފިއެވެ.

އެގޮތުން، އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ގެޓްއަވޭސްއިން މިއަދުވަނީ މިކަމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއެމްޕީއާރުސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދެވެ. މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު ޑރ. ޙުސައިން ސަނީ އުމަރެވެ.

ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހާރިސް ވިދާޅުވީ މި އިވެންޓް އެމްއެމްޕީއާރުސީން އެންޑޯސް ކުރުމާއިއެކު، މި އިވެންޓް ޕްރޮމޯޓްކުރުމުގައި އެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށެވެ. މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން ސަނީ ވިދާޅުވީ އަންނަ އަހަރު ޖުލައި މަހު ބާއްވަން ހަމަޖައްސާފައިވާ މި އިވެންޓަކީ، ރާއްޖޭގެ ރިސޯޓްތަކާއި ރިސޯޓް ސެގްމަންޓްގެ ހުރި ޕްރޮޕަޓީތައް ޕްރޮމޯޓް ކުރުމަށް ބާއްވާ މުހިއްމު ޙަރަކާތެއްކަމަށެވެ.

މި ޙަރަކާތުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރިސޯޓްތައް ބައިވެރިވާނެއެވެ. އަދި ރާއްޖޭން ބޭރުން 150 ޓްރެވަލް އެޖެންޓުން އިވެންޓަށް ގެންނާނެކަމަށް ސަނީ ވިދާޅުވިއެވެ. އަދި މި އިވެންޓުގެ މައިގަނޑު ޢަމާޒަކަށް ވާނީ، ސަރަޙައްދީ ޤައުމުތަކަކީ މިހާރު ޓޫރިޒަމްގައި ވާދަވެރި ޤައުމުތަކަކަށް ވާއިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުން ކަމަށްވެސް ސަނީ ވިދާޅުވިއެވެ.