ޚަބަރު

މާފަރު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް


  • މުޅި މަޝްރޫޢުގެ %80 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ އެ މަޝްރޫޢުގެ %80 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، ނ. މާފަރަށް އިތުރުކުރާ 20.40 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތްތައްކަމަށެވެ. އަދި އެއާއެކު މުޅި މަޝްރޫޢުގެ ޖުމްލަ %80 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ނ.މާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއި 20.40 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް ސަރުކާރުން 91 މިލިޔަން ޚަރަދުކުރެއެވެ.

މާފަރު ބިން ހިއްކާ އެރަށަށް އިތުރުކުރާ 20.40 ހެކްޓަރުގެ ބިން ޚާއްސަކުރާނީ އިޤްތިސާދީ ކަންކަމަށެވެ. މީގެއިތުރުން އަލަށް ހިއްކާ ބިމުން ކޮންމެވެސް ބައެއް ބޯހިޔާވަހިކަމަށްވެސް ކަނޑައެޅުމަށްވަނީ ނިންމާފައެވެ.


ސަރުކާރުން 91 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން މާފަރު ބިމަށް އިތުރު ކުރާ ބިމަކީ، ރަށުގެ މުސްތަޤުބަލަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްޓަކައި މުހިންމު ކަމެއްގެގޮތުގައި ރަށު ކައުންސިލާ ރައްޔިތުން ދެކެއެވެ.

2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް އެންމެ ބޮޑަށް އެދިލެއްވި އެއްކަމަކީ ރަށުގެ ބިމުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމެވެ.

މާފަރު ބިން ހިއްކުމުގެ މަޝްރޫޢާއެކު، ބޯހިޔާވަހިކަމަށް ބިން ލިބި، ރަށުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރުމަށްވެސް ބިން ލިބިގެންދާނެއެވެ.