ޓުއަރިޒަމް

މިއަހަރު 1.4 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ކަނޑައަޅައިފި


މި އަހަރު ރާއްޖެ 1.5 މިލިއަން ފަތުވެރިން ގެނައުމަށް ކަނޑައެޅުއްވި އަމާޒު ރިވައިސްކޮށް، އެ ޢަދަދު 1.4 މިލިއަން ޓޫރިސްޓުންނަށް ދަށްކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މިއަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ކަނޑައެޅުއްވި އަމާޒަކީ ވިޒިޓް މޯލްޑިވްސް އިޔަރގެ ޝިޢާރުގެ ދަށުން ކަނޑައެޅުއްވި މިންވަރެއް ކަމަށެވެ.

މި ޢަދަދު ދަށްކުރައްވަން ޖެހިވަޑައިގަތީ، ރާއްޖެއަކީ ޓެރަރިޒަމްގެ ބިރު އޮތް ތަނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްކުން ބޭރު ޤައުމުތަކުގައި ހިންގި ނެގަޓިވް ކެމްޕޭންގެ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މެދުއިރުމަތީގައާއި ފްރާންސް ފަދަ ޤައުމުތަކުގައި ހިނގި ޓެރަރިޒަމްގެ ޢަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގެ މާރކެޓްތަކުން، ރާއްޖެއަށް އައި ފަތުވެރިންގެ އަދަދު ދަށްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަތަކުގެ އިތުރުން އެއަރޕޯޓްގެ ދަތިކަމާއެކުވެސް ޓޫރިސްޓުން ގެނައުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެއަރޕޯޓްގެ ތަރައްޤީކުރެއްވުމަށް 7 ގަޑިއިރަށް ކޮންމެ ދުވަހަކު އެއަރޕޯޓް ބަންދުކޮށްފައި އޮންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.