ޚަބަރު

ޖޮއިންޓް ގޯތި ލިބުނު މީހުން ވަކިން ކުރިމަތިލާން ހުޅުވާލައިިފި


  • ފޯމު ލާން ހުޅުވާލާނީ މިމަހުގެ ނިޔަލަށް

  • ބިންވެރިޔާގެ ޚާއްޞަ ސްކީމުގައި 2 ކެޓަގަރީއެއް ހިމެނޭ

ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުސޫލުގައި ބުނާގޮތުން، ވަކިން ގޯއްޗަށް ކުރިމަތިލެވޭނީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް އެގޯއްޗަކަށް ކުރިމަތިލީ އެންމެން، އެގޯތި ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިޤުރާރުވުމުންނެވެ.

މިގޮތަށް ފުރުޞަތު ދޭން ނިންމީ، ޖޮއިންޓްކޮށް ގޯތި ލިބުނު ބައެއް މީހުން އެގޮތަށް އެދެމުންދާތީއާއި ކޮންމެ އާއިލާއަކަށްވެސް ވަކި ބޯހިޔާވަހިކަމެއް ހުރުމުގެ ފުރުޞަތު ދިނުމަށް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފާހަގަކޮށްފައިވެއެވެ. މިއުސޫލުގެ ދަށުން ދޫކުރާނީ، ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ.

މި ސްކީމް ބަހާލާފައިވަނީ، މައިގަނޑު ދެ ކެޓަގަރީއަކަށް

ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު ފަރާތްތައް
ގޯއްޗަށް އެދި ހުށަހަޅަންވާނީ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެހައި ފަރާތްތަކުން ޖޮއިންޓުކޮށް 1 އެޕްލިކޭޝަނެކެވެ.

ކެޓަގަރީ 2: ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް
ކެޓަގަރީ 2އިން ކުރިމަތިލާ މީހުން މި އުސޫލުގެ ދަށުން ގޯތި ލިބި، އެ ގޯތި ޙަވާލުކުރުމާއެކު ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިޤުރާރުވާން ޖެހޭނެއެވެ.

މި ދެ ކެޓަގަރީއަށް ފޯމު ހުށައެޅުމާއި ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައިވާއިރު، މި އުސޫލުގައި ޕޮއިންޓް ދޭނެ ގޮތްވެސް ވަނީ ހިމަނާފައެވެ.

އެޕްލިކޭޝަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާނީ، އޭޕްރިލް މަހުގެ 30ވަނަ ދުވަހުއެވެ. ފޯމު ހުށައެޅޭނީ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.