ޚަބަރު

މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅޭ އިސްލާހު ހުށަހަޅަނީ


  • ބޭރު ޤައުމުތަކުގައި ޢަމަލުކުރާ އުސޫލު ދަނީ ދިރާސާ ކުރަމުން

  • އިސްލާހު ހުށަހަޅާއިރު ވޯޓެއް ނެގޭނެ އުސޫލު ބިލުގައި ބަޔާން ކުރާނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ބޭނުންވާ ހާލަތުގައި ދައުރުގެ ތެރެއިން މެންބަރުން ވަކި ކުރެވޭ ގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމަކީ ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ. މިކަމުގެ ފަންނީ މަޝްވަރާތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު އޮންނަ އުސޫލަށް ބަލާއިރު މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ދައުރު މެދުތެރެއިން ވަކިކުރެވޭނެ ސީދާ އުސޫލެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލް މެންބަރެއް ނަމަ، އެލްޖީއޭއިން ފިޔަވަޅު އަޅާ ކަމަށާއި، މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލެނީ ހުކުމެއް އައުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ދުނިޔޭގެ ދިމިޤްރާތީ ހަމަތަކަށް މަސައްކަތް ކުރާ ޤައުމުތަކުގައި އިންތިޚާބީ މަޤާމުތަކަށް ހޮވާ ފަރާތްތަކުގެ އެ މަޤާމުން ދުރުކުރުމުގެ ނިޒާމެއް އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ގުޅޭ ފަންނީ ދިރާސާތައް ކުރެވި ކާމިޔާބުކަމާއެކު ނިޒާމު ހިންގާ ޤައުމުތަކުގައި މިކަން ކުރެވޭ ގޮތް ބަލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން މިކަން ކުރެވޭނެ ހަރުދަނާ އުސޫލްތަކެއް ޤާނޫނުގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވޯޓު ނެގޭނެ އުސޫލާއި، ރައްޔިތުން އެފަދަ ކަމަކަށް ހުށަހަޅާނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ދައިރާގެ ކިތައް އިންސައްތަ ސޮއި ލިބިގެންތޯ މައްސަލަ ހުށެހެޅޭނީ، އެ ހުށަހަޅާ ހިސާބުން ފެށިގެން މަޖިލީހުގެ ކިތައް އިންސައްތައަކުންތޯ އެ ފާސްކުރެވޭނީ. އެ މަޖިލީހުގައި ކިތައް މެންބަރުން ތިބެގެން ނެގޭނެ ވޯޓެއްތޯ، މުޅި މަޖިލީހުގެ އަޢުލަބީއްޔަތު އޮންނަން ޖެހޭތޯ. މިއީ މި ޑިސްކަޝަން ތެރޭ ދާންޖެހޭނެ ކަންކަން. އަދި ކޮންކަހަލަ ހާލަތްތަކުގައިތޯ އެކަން ކުރެވޭނެ. ޤާނޫނުގައި ހުރި ޒިންމާތަކުގައި ތަކުގެ ތެރެއިން ކަމެއް ނުކުރެވޭތަން. ދެން އެހެން ގޯސް ހަމަ ބެލޭނެ ކަންކަން ވަރަށް ސާފުކޮށް ޤާނޫނުގައި ބަޔާން ކުރެވެން ޖެހޭނެ، އެމީހަކު ވަކިކުރަން ރައްޔިތުންގެ ތެރެއިން އެ ރިކުއެސްޓް ކުރުން ނުވަތަ އަންނާނެ ގޮތެއްވެސް އޮންނަންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިދައުރުގެ ތެރޭގައި މިކަމާއި ގުޅޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ގެންނަން ނިޒާމީ ގޮތެއްގައި ރިފޯމް އެޖެންޑާގެ ތެރެއިން އިތުރު އިސްލާހުތަކެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ ނިސްބަތުން ވަކި އިންސައްތައެއް ޒުވާނުންނާއި، އަންހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރުމާއި، ރިޔާސީ އިންތިޚާބުގައި ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުޢައްސާސާތަކުގެ މިނިވަންކަން ކަށަވަރުކުރުމާއި ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަކީވެސް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ އިސްލާހެކެވެ.