ޚަބަރު

ޓީވީއެމްއަށް 48 އަހަރު: އެކި ދާއިރާތަކަށް އާއްމުންގެ ލޯހުޅުވައިދިން މިތުރެއް


  • ޓީވީއެމްއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް

  • ޓީވީއެމްގެ ޚިދުމަތް ފެށީ 1978ވަނަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހު

  • ޓީވީއެމްއާއެކު ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތަށް މިއަދު 48 އަހަރު ފުރިގެންދާއިރު، ޓީވީއެމްއަކީ އަދިވެސް ރާއްޖޭގެ އެންމެ މަޤްބޫލު އެއް ޓީވީ ޗެނަލެވެ.

ރާއްޖޭގައި އާދައިގެ ގޮތަކަށް ނަމަވެސް ފުރަތަމަ ޓީވީ ޗެނަލެއް އުފައްދައި ޚިދުމަތްދޭން ފެށުމަކީ ބްރޯޑްކާސްޓިން ދާއިރާ ވަކިން ޚާއްސަކޮށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ރާއްޖެއަށް ގެނުވި އެންމެ ބޮޑު އެއް އިންޤިލާބެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުގެރޭ 9 ޖެހިއިރު ފެށީ، ދިމާވި އެތަކެއް ގޮންޖެހުމަކާއެކުވެސް، މާލެއާއި މާލެ ކައިރީގެ 30 ކިލޯމީޓަރ ރޭޑިއަސްގެ ސަރަޙައްދަކަށެވެ.

އޭރު ރޭޑިއޯގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް އަވައްޓެރި އެހެން ޤައުމުތަކާއި އެއްގޮތަށް ޓީވީގެ ޚިދުމަތް ފަށައިގަތުން ވެގެން ދިޔައީ ރާއްޖެއަށް ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ މިދާއިރާއިން ތަމްރީނުވެފައިވާ މީހުން މަދުވުމާއި ކޮންމެ އެއްޗެއްވެސް ރާއްޖެއަށް އެތެރެކޮށް ބޭނުންވާ ތަމްރީނުތައް ބޭރުން ހޯދަން ޖެހުމެވެ.

އެންމެ ކޮންޓްރޯލް ރޫމަކާއި ސްޓޫޑިއޯއެއް ބޭނުންކޮށްގެން އެންމެ 9 ލައިޓާއި 2 ކެމެރާއާއެކު، ޖުމްލަ 8 މުވައްޒަފުންނާއެކުވެސް ޓީވީއެމްގެ ޚިދުމަތް ފެށުންވެގެންދިޔައީ، ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް އައި އިންޤިލާބީ ބަދަލަކަށެވެ.

އޭރުގައި ވަސީލަތްތައް މަދު ނަމަވެސް ޕްރޮގްރާމުތަކާއި ޚަބަރުތައް ގެނެސްދިނުމުގައި މުވައްޒަފުން މަސައްކަތްކުރަމުން ދިޔައީ މި ދާއިރާއަށް އޮތް ލޯތްބަކާއި ޝައުގުވެރިކަމެއްގެ ބޮޑުކަމާއި އެކުއެވެ.

ޓީވީއެމްގެ އަހަރީ ދުވަހާގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވީ، ޓީވީއެމްގެ ޚިދުމަތަށް ބައިގަރުނުވާން ގާތްވެފައިވާއިރު، މިވީ މުއްދަތުގެ ތެރޭގައި ތަނުގެ މަސައްކަތްތަކާއި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޕްރޮގްރާމްތަކާއި ކަވަރޭޖްތަކުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެފައިވާކަމަށެވެ.

ބެލުންތެރިންގެ މެދުގައި މަޤުބޫލު ޗެނަލެއްގެ ގޮތުގައި ޓީވީއެމް ހެދުމުގައި ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ފެނިގެންދާ ހިތްވަރާއި ޝައުގުވެރިކަން ޔާމިން ފާހަގަކުރެއްވިއެވެ.

"މިތަނުގެ ޓީމްވޯކަކީ އާދަޔާ ޚިލާފުކަމެއް އިނގޭތޯ. އިރާދަކުރެއްވިއްޔާ އެބޭފުޅުންނަށް ނުވާނޭ ބުނާކަމެއް އަޅުގަނޑަކާ ކުރިމައްޗެއްނުވޭ. އެބޭފުޅުން ވަރަށް ބުރަކޮށް މަސައްކަތްކުރިޔަސް ހަމަ ހިނިތުންވުމާއެކީ ވަރުބަލިކަމެއްނެތި، އެބޭފުޅުން އެކުރައްވާ މަސައްކަތެއް ކޮލެޓީކޮށް ގެނެސްދިނުމަށްޓަކާ މަސައްކަތްކުރޭ. އޭގެ ނަތީޖާ ކަންނޭނގެ ސަރަޙައްދީ ޤައުމީ ސްޓޭޓް ޓީވީ ޗެނަލްތަކަށް ބަލާލާއިރު ޓީވީ މޯލްޑިވްސްގެ ކޮލެޓީއާއި އެހެން ޕަބްލިކް ސަރވިސް ޗެނަލްތަކުގެ ކޮލެޓީއާ ހަމަ ލައްކަ ތަފާތު." ޑީއެމްޑީ ޔާމީން ވިދާޅުވިއެވެ.

ޓީވީއެމްގެ 48 އަހަރުގެ ޚިދުމަތުގެ ތެރޭގައި އާއްމުންނާއި ހަމައަށް ގެނެސްދިން ޕްރޮގްރާމްތަކަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމުތަކެކެވެ. ހޭޔަންބޯ، ފިލްމީ އުދަރެސް، ހެނދުނު ހެނދުނާ ފަދަ ޕްރޮގްރާމްތަކަކީ މިހާރުވެސް މެދުކެނޑުމެއްނެތި ގެނެސްދޭ، އަދިވެސް ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮގްރާމްތަކެކެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމުތަކަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ޕްރޮގްރާމުތަކެކެވެ. އެގޮތުން މިވަގުތު، ރަހަތަފާތު، ތިޔަބޭފުޅުންގެ ފުރުސަތު ފަދަ ޕްރޮގްރާމުތައް ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ ރިޔާސީ އިންތިޚާބުތަކާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުތައް ފަދަ ޤައުމީ ފެންވަރުގައި ބާއްވާ ބޮޑެތި އިންތިޚާބުތަކާއި، އެކި އެކި ޤައުމީ މުނާސަބާތަކާއި، ބޮޑެތި ޙާދިސާތަކާއި ކާރިސާތަކުގެ ވަގުތުތަކުގައިވެސް އެކަންކަމުގެ މަޢުލޫމާތު އެންމެ ތަފްޞީލާއެކު އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން ކުރަމުންދާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތަށް ބައި ޤަރުނާއި ގާތްވެފައިވާއިރު، ޓީވީއެމްގެ ޚިދުމަތް މިއަދު ދެމުން މިދަނީ ދުނިޔޭގެ އެންމެ ކުރި އަރާފައިވާ ބްރޯޑްކާސްޓަރުން ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކުއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މިހާރު އޮތް ވާދަވެރިކަމުގެ ތެރެއިންވެސް ވަސީލަތްތައް ތަންދިން މިންވަރުން، ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ޓީވީއެމްއިން ދަނީ ގެނެސްދެމުންނެވެ. އަދި މި ވާދަވެރި މާހައުލުގައިވެސް އަދިވެސް އެންމެ ކުރީ ސަފުގައި ރާއްޖޭގައި ގުނާލެވޭ ޓީވީ ޗެނަލަކީ ޓީވީއެމްއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.