ޚަބަރު

"ބީއެމްއެލްގެ އަމާޒު، އެންމެ ބޮޑު އިޖުތިމާޢީ މައްސަލައިގެ ޙައްލުހޯދައި ދިނުމަށް"


  • 3260 ހައުސިން ޔުނިޓް ތަރައްޤީކުރަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން

  • އޮކްޓޯބަރުގައި ވި އެއްބަސްވުމުގެ ދަށުން ޢަމަލީ މަސައްކަތް މިވަނީ ފަށާފައި

ބޯހިޔާވަހިކަމުގެ މަސައްކަތުގައި ބީއެމްއެލްއިން ބައިވެރިވާން ނިންމި ނިންމުމަކީ މަންފާއަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ޙައްލު ކުރުމުގެ ޙިއްސާއަކަށް ވުމަށް ކުރާ މަސައްކަތެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސީއީއޯ ވިދާޅުވީ، މާލީ އިދާރާތަކުގެ ސިޔާސަތަށް ގެނައި ބަދަލާއެކު، ބީއެމްއެލްއިން ބޯހިޔާވަހިކަމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުންފުންޏެއް އުފައްދާ އޭގެ މަސައްކަތްތައް ފެށީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. މި ކުރު މުއްދަތުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެން ދިއުމަކީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ވަރުގަދަ ސިޔާސަތުތަކަކާއި، ލީޑަޝިޕަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ޤައުމުގެ ތަރައްޤީއާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭންކިން ނިޒާމުގެ ތެރެއިން ޙައްލުތަކެއް ހޯދުމަށް ކުރެވޭ ވަރަށް ވަރުގަދަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

"ލީސް ޓު އޯން މޮޑެލްއަށް ގެންދާ މި މަޝްރޫޢުއަކީ ބޭންކް މެދުވެރިކޮށް މި މޮޑެލްއަށް ގެންދާ ފުރަތަމަ މަޝްރޫޢު. މިއީ އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އާއިލާތަކަށް ފަސޭހައިން އަދާކުރެވޭ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކަން ޖެހޭގޮތަށް ގެންދާ މަސައްކަތެއް." ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ދަނީ، ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ބޭންކް މެދުވެރިކޮށް ބޮޑެތި އެހީތައް ދެމުންނެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ސަރުކާރުން ދޫކުރަން ފަށާފަވާ "ހިޔާވެހި" ސްކީމްގެ ދަށުން، ދޫކުރާ މާލީ އެހީއިން އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު %20އިން %5އަށް ކުޑަކޮށްފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަކިވަކި ފަރުދުންނަށް 3 މިލިއަނާ ހަމައަށް މި ސްކީމްގައި ލުއި ލޯނު ދޫކުރާއިރު، މިހާތަނަށް 2.1 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށް 3260 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.