ތަރައްްޤީ

އަރުހަމް މަރާލިކަމުގެ ކުށް ސާބިތުވެ ވިސާމް މެރުމަށް ހުކުމް ކޮށްފި


ހއ. ހޯރަފުށީ ނޫރީގޭ މުޙައްމަދު އަރުހަމް މަރާލި ކަމަށް ސާބިތުވެ ލ. މާވަށު އެވަރބްލޫ މުޙައްމަދު ވިސާމް މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

މިމައްސަލައިގައި ދައުލަތުން އިތުރު 3 މީހެއްގެ މައްޗަށް ދައުވާ އުފުއްލަވާފައިވާއިރު، މި ތިން މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާވަރަށް ޝަރިއްޔަތަށް ހެކި ހުށައެޅިފައި ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

ދައުލަތުން މި 4 މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވިސާމާއި މަންސޫރު އަދި ސުފުޔާން ލޮރެންޒޯ ޕާކްތެރެއަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމުން އޭނާ މަރުވެފައިވާ ކަމަށެވެ. އަދި އެއަށްފަހު އެތިން މީހުން އާތިފްއާއެކު ފިލައިގެން ގޮސްފައިވާކަމަށެވެ.

މި މާރާމާރީގައި މަރުވެފައިވާ އަރުހަމްއަކީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ޙާޞިލްކުރަމުންދިޔަ ދަރިވަރެކެވެ. އޭނާ މަރާލާފައިވަނީ ޢުމުރުން 16 އަހަރުގައި 2012 ވަނައަހަރުއެވެ. މުޙައްމަދު އަރުޙަމް މަރާލި މައްސަލައިގައި ގަސްދުގައި މީހަރު މެރިކަމުގެ ކުށްސާބިތުވެ ލ. މާވަށު އެވަރބްލޫ މުޙައްމަދު ވިސާމް މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވިނަމަވެސް މަރުގެ ޙުކުމް ތަންފީޒު ކުރެވޭނީ ހައިކޯޓާއި ސްޕްރީމް ކޯޓުގައި މިމައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމި، ސްޕްރީމް ކޯޓުން މި ޙުކުމް ޞައްޙަ ކަމަށް ކަނޑައެޅުއްވުމުންނެވެ.

މަރުގެ ޙުކުމް ތަންފީޒުކުރުމާބެހޭ ޤައިވައިދުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛުކުރައްވާނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. މިއީ އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިކަން ކުރަމުން އަންނަގޮތެވެ.