ޚަބަރު

ރާއްޖެއިން އިތުރު ޤައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި


ދިވެހިރާއްޖެއާއި ސެއިންޓް ކިޓްސް އެންޑް ނެވިސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެޤައުމުގެ ގުޅުމާބެހޭ ރަސްމީ ލިޔުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމާއި ސެއިންޓް ކިޓްސް އެންޑް ނެވިސްގެ ފޮރިން މިނިސްޓަރ މާކް ބްރެންޓްލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާޞިމްވިދާޅުވީ މި ތާރީޚީ އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށެވެ. މިނިސްޓަރ މާކް ބްރެންޓްލީވަނީ ދެޤައުމަށް ބަލާލިކަމުގައިވިޔަސް އެއްގޮތްކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ، އ.ދގެ ތެރެއިންވެސް ކަންތައްތައް ނިންމުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެކަން ހާމަކުރައްވާފައެވެ.

ކެރީބިއަން ސަރަޙައްދުގައި ހިމެނޭ ކުދި ޖަޒީރާ ޤައުމެއް ކަމަށްވާ ސެއިންޓް ކިޓްސް އެންޑް ނެވިސްއަކީ އާބާދީގައި ފަންސާސް ފަސްހާސް ހަތްސަތޭކައެއްހާ މީހުން ދިރިއުޅޭ، ޤުދުރަތީ ރީތި ކަމާއި މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ.