ޚަބަރު

އަލިފުށީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި


  • މިއީ 30 އެނދުގެ ހޮސްޕިޓަލެއް

  • މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ރ.އަލިފުށި ހޮސްޕިޓަލް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީއާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީއިން ވިދާޅުވީ އަލިފުށި ހޮސްޕިޓަލް އިމާރާތުގެ މަސައްކަތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.

އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އާބާދީގައި 3000އެއްހާ މީހުން ދިރިއުޅެމުން އަންނަ އަލިފުއްޓަކީ އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އޮންނަ ރަށެކެވެ. ރަށުގެ އާބާދީ އިތުރުވަމުންދާއިރު، އެރަށުގެ ރައްޔިތުންނާއި ވާދޫގެ ރައްޔިތުންނަށްވެސް މި ހޮސްޕިޓަލާއެކު، ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އަލިފުށީ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނ.މަނަދޫ އަދި މ.މުލީ ހޮސްޕިޓަލްގެ މަސައްކަތާއެކުގައެވެ. ޞިއްޙީ ވުޒާރާއިން ވިދާޅުވީ މި 3 ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަލިފުށީގައި މިހާރު ޚިދުމަތް ދެނީ ޞިއްޙީ މަރުކަޒަކުންނެވެ. ހޮސްޕިޓަލް އިމާރާތާއެކު ޖާގަ ތަނަވަސްވެ، އަލުފުށީގައި ސްޕެޝަލިޓީ ޑޮކްޓަރުންގެ ޚިދުމަތް ފުޅާވެގެންދާނެއެވެ.

އަލަށް އިމާރާތްތަކުރާ ހޮސްޕިޓަލްތަކަކީ ކޯވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޮސްޕިޓަލުގެ ހުރިހައި އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެކަމަށާއި މިއީ ސަރުކާރުން އަތޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތައްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.